ކުޑަ ކުއްޖެއްގެ ގޮތުގައި އަޅުގަޑަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާގެ ވާހަކަ މިއަދު ދައްކާލުމަށް ގަސްތުކުރަމެވެ. އެއީ އަޅުގަޑުގެ ހަޔާތުގައި، އަމިއްލަ ދަރިންނާއި އަދި އަޅުގަޑާއި ދިމާވާ ކުދިންނާއި މެދު އަޅުގަޑުގެ ވިސްނުން ބަހައްޓަންވީގޮތް ތަރުބިއްޔަތު ކޮށްދިން ތަޖުރިބާއެކެވެ.

އަޅުގަޑަކީ، ދުނިޔޭގައި ހުރި އެންމެ ނަސީބު ރަގަޅު އެކަކުކަމުގައި އަޅުގަޑު ވާނެކަމަށް އަމިއްލަޔަށް ގަބޫލުކުރާމީހަކީމެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅާއެކު މިހާތަނަށް ކަންތައް ދިމާވެފައި އޮތީ އެގޮތަށް ގަބޫލުކުރާނެ ޖާގަ އޮންނަ ގޮތަށެވެ.

Ad
rt

މީގެ ފަހަތުގައި ފޮރުވިފައި އޮންނަ ވަރަށް ބޮޑު ސިއްރެއް އޮވެއެވެ. އެއީ އަޅުގަޑުގެ މަންމަގެ އިންތިހާގެ ލޯތްބާއި ހެޔޮ ދުޢާއެވެ. އަޅުގަޑުގެ އުމުރުން އެންމެ ދޮޅު އަހަރުގައި ވަރަށް ނިކަމެތިގޮތަކަށް ދުނިޔެ ދޫކޮށްދާންޖެހުނު ވަގުތު، ވަރަށް ވޭނުގައި އޮތްއިރުވެސް - އެންމެ ފަހު ނޭވާގެ ކުރިން އަޅުގަޑުގެ ބައްޕަޔަށް ކުރި ވަޞިއްޔަތަކީ އަޅުގަޑާއި ބޭބެއާއި ދެމީހުން ލޯތްބާއިއެކު ބަލާދިނުމެވެ.

އެހެންކަމުން "މަންމަ" މި ލަފްޒު އަޅުގަޑަށް ތަޞައްވުރު ކުރެވޭގޮތް ބިނާވެފައި އޮންނަނީ މިދެންނެވި ވާހަކައިގެ މައްޗަށެވެ. މިވާހަކަ އަޅުގަޑަށް ކިޔާދިނީ އަޅުގަޑުގެ ދެބެންގެ ދެދަރި ދައްތައެވެ.

އަދި އަޅުގަޑުގެ ބައްޕަ، މަންމަގެ ވަޞިއްޔަތް ފިލިން ފިއްޔަށް އަދާކުރިއެވެ. ދުވަހަކުވެސް ބާރަށް އެއްޗެއްބުނެ އަޑުލާ ހެދިހަދާނެއް އަޅުގަޑުމެން ނެތެވެ. އެކަން ދުވަހަކު ކޮޅުންވެސް އެއްވެސް ހާލެއްގައި ނުކުރާތީއެވެ. އަޅުގަޑުމެންނަކީ އެންމެ މޮޅުމީހުންނަށް ވީތީއެއް ނޫނެވެ.

މިވާހަކައަށްވުރެ އަޅުގަޑަށް މުހިންމީ، މިވާހަކައިން އަޅުގަޑަށް ލިބުނު - އަޅުގަޑުގެ މުޅި ދިރިއުޅުމުގެ ހަމަތައް ބައްޓަންކުރި ފިލާވަޅެވެ. މައެއްގެ ހިތުގެ ފުންމިނުން ދަރިއަކަށް އޮންނަ ހެޔޮއެދުމާ ހެޔޮދުޢާގެ ބާރުގަދަ ކަމެވެ. ހެޔޮގޮތް މިންވަރު ކުރައްވަނީ އަޅުގަޑު ގަބޫލުކުރާ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

އަޅުގަޑު ދެކޭގޮތުގައި ދަރިންގެ ކާމިޔާބީގެ ފަހަތުގައިވަނީ، މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮއެދުމާއި ހެޔޮދުޢާ އެވެ. އެއީ ކޮންމެހެން އެހެންކުދިންނަށް ވުރެ "މޮޅުވެގެންނެއް" ކަމުގައި ވާކަށް ނުޖެހެއެވެ.

ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެތަފާތުތަކާއިއެކު ދުނިޔޭގައި އުޅުމަށް ތައްޔާރުކޮށްދީ މަގުކޮށައިދެނީ ހެޔޮއެދޭ، އެދަރިން ދެކެ ލޯބިވާ މައިންބަފައިންނާއި މުދައްރިސުންނެވެ. ދަރިފުޅުގެ ފަރާތުން ފެންނަ ނުވަތަ ދިމާވާ، ތިމާ ނުރުހޭ ކަމަކުން އުފެދޭ ނުތަނަވަސްކަން ދުރަށްލާންޖެހެނީ އެހެންވެގެންނެވެ.

ހިތްހަމަ ނުޖެހިފައި ހުރެގެން ވެވޭނެ ހަގީގީ ލޯތްބެއް ނޯންނާނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ހިތްހެޔޮކަން އޮތުމަކީ ގާތުގައިވުމަށައި އަނގައިން ބުނެލަން ބޭނުންވެފައި ހުރުމެވެ.

ކުދިންނާއި މައިންބަފައިންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ އާއިލާގެ ތެރޭގަޔާއި މުޖުތަމައުގެ ތެރޭގައި އެމީހާގެ ދަރިފުޅު އެހެންމީހުންނަށްވުރެ މޮޅު އަދި ކުރީގައި ހުންނަ ކުއްޖަކަށް ހެދުމަށް އޮންނަ ޕްރެޝަރެވެ.

ކުދިންނަކީ މުބާރާތެއްގައި އުޅެންޖެހޭ ބަޔެއް ނޫނެވެ. ލޯބި ލިބިގެން އުފަލުގައި އުޅެންޖެހޭ ބައެކެވެ.