ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019 ގައި އިއްޔެ ހަވީރު ނިލަންދޫ ސްޕޯޓް ކުލަބް އަދި ފޯކައިދޫ ފުޓްބޯލް ކުލަބް ބައްދަލުކުރި މެޗް 2-3 ނިލަންދޫ ސްޕޯޓް ކުލަބް ވަނީ ކާމިޔާބުކޮށްފައެވެ.

މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ނިލަންދޫއިންނެވެ. ނިލަންދޫގެ ގޯލް މެޗްގެ 9 ވަނަ މިނިޓްގައި ކާމިޔާބިކޮށްދިނީ ނިލަންދޫ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ލޫކަސް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފުރަތަމަހާފްގެ ފަހުކޮޅު ގާތްގާތުގައި ފޯކާއިދޫއިން ދެ ގޯލް ޖަހާ ފޯކައިދޫ ކޮޅަށް ނަތީޖާ ވަނީ އަނބުރާލާފައެވެ. މެޗްގެ 44 ވަނަ މިނިޓްގައި ފޯކައިދޫގެ ފުރަތަމަ ގޯލް ޔޫސުފް ޖުނައިދު ޒާހިރު ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ން ފޯކައިދޫ ފުޓްބޯލް ކުލަބް ކުރީގައި އޮވެގެންނެވެ.

Ad
rt

ދެވަނަ ހާފްގައި ނިލަންދޫއިން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެ ގޯލް ކާމިޔާބުކޮށް މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. ނިލަންދޫގެ ދެވަނަ ގޯލް 75 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނި ބިދޭސީ ކުޅުންތެރިއާ ޖަޕާނުގެ ތޮޝީކީ އޮކަމޯޓޯއެވެ. ނިލަންދޫއަށް ތިންޕޮއިންޓް ކަށަވަރުވީ މެޗްގެ އިތުރު ވަގުތުގައި ނިލަންދޫ ޓީމްގެ އަކުރަމް އިސްމާއިލް ކާމިޔާބުކުރި ގޯލުންނެވެ.

ފޯކައިދޫ އަތުން ނިލަންދޫ ވި މޮޅަކީ ލީގުގައި ނިލަންދޫއިން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުން މޮޅުވެ ނިލަންދޫވަނީ ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލީގު ތާވަލްގެ އަށްވަނައަސް ޖެހިލާފައެވެ. ނިލަނދޫ އަތުން ބަލިވި ފޯކައިދޫ ކުޅުނު ހަތް މެޗުން އަށް ޕޮއިންޓާއިއެކު އޮތީ ހަތް ވަނައިގައެވެ.

ލީގުގައި ރޭ ކުލަބް ގްރީން ސްޓްރީޓް އަދި ވިކްޓްރީ ސްޕޯޓްސް ކުލަބް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗަށް ވިކްޓްރީ ސްޕޯޓްސް ކުލަބް ހާޒިރު ނުވުމުން ގްރީން ސްޓްރީޓް އެމެޗުން މޮޅުވީކަމަށް ވަނީ ނިންމާފައެވެ. ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު ފެށުމުގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ކޯޗަކަށް ހުރި މުހައްމަދު އާދަމް ވަނީ މެނޭޖްމެންޓްގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށްބުނެ އިސްތިއުފާ ދީފައެވެ.

ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ތާވަލްގެ ހަތަރުވަނައަށް ކުލަބް ގްރީން ސްޓްރީޓް ވަނީ ޖެހިލާފައެވެ. އެއި ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއިއެކުއެވެ. މެޗަށް ހާޒިރު ނުވި ވިކްޓްރީ ސްޕޯޓްސް ކުލަބް ލީގު ތާވަލުގެ ފުލުގައި އޮތީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.