ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފެށި 18 އަހަރުން ދަށުގެ ސާފް ޝެމްޕިއަންޝިޕްގައި އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ނޭޕާލް އާއި ދެކޮޅަށް ކުޅުނު މެޗް ދިވެހި ރާއްޖޭގެ 18 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް އެއްވަރު ކޮށްފިއެވެ.

ނޭޕާލްއާއި ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ރާއްޖޭންނެވެ. ރާއްޖޭގެ ގޯލް މެޗްގެ 20 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޓިމްގެ ކެޕްޓަން ހަސަން ނަޒީމްއެވެ. ނޭޕާލްގެ ގޯލް ފެނިގެންދިޔައީ މެޗްގެ 74 ވަނަ މިނިޓްގައެވެ.

Ad
rt

މިމުބާރާތުގައި ރާއްޖެ އާއިއެކު ޖުމްލަ ހަ ޓީމް ވާދަކުރާއިރު މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެނެނެވެ. ގުރޫޕް އޭގައި ހިމެނެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނެޕާލް، ބޫޓާން އަދި ދިވެހި ރާއްޖެއެވެ. ގުރޫޕް ބީގައި ހިމެނެނީ ބަނގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާއެވެ.

ރާއްޖެ އަދި ނޭޕާލްގެ މެޗުން މިއަދު މުބާރާޓް ފެށިއިރު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މިމުބާރާތް ކުރިއަށްދާނެއެވެ. މި މުބާރާތުގެ ރާއްޖޭގެ ދެވަނަ މެޗްގައި ބޫޓާނާއި ދެކޮޅަށް މިމަހުގެ 24 ވާ އަންގާރަ ދުވަހު ނުކުންނާނެއެވެ.

18 އަހަރުން ދަށުގެ ސާފް ޝެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ 18 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ވަނީ ޤަތަރުގައި ޓްރޭނިންގ ކޭޕްމްޕެއް ކުރިއަށް ގެންގޮސްފައެވެ.

18 އަހަރުން ދަށުގެ ސާފް ޝެމްޕިއަންޝިޕަކީ ސައުތު އޭޝިއަން ފުޓްބޯލް ފޭޑެރޭޝަން (ސާފް) ން 2015 ވަނަ އަހަރު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި ފެށި މުބާރާތެކެވެ. 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް ބައިވެރި ވާ ގައުމުތަކުން އެގައުމުތަކުގެ 18 އަހަރުން ދަށުގެ ޓީމްތައް މިމުބާރާތުގައި ބައިވެރި ކުރާތީ މުބާރާތުގެ ނަން ވަނީ 2017 އަހަރު 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމަށް ބަދަލުކޮށްފައެވެ.

މިހާތަނަށް ބޭއްވުނު ދެ މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާފައި ވަނީ ނޭޕާލްއިންނެވެ. 2015 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތް ނޭޕާލްއިން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށްގެންނެވެ. 2017 ވަނަ އަހަރުގެ ބޭއްވުނު ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލްއިން ހޯދި ކާމިޔާބުކުރީ ބަނގްލަދޭޝްގެ މަށްޗަށް 2-1 ކުރި ހޯދައިގެނެނެވެ.