ޔޫއެފާ ޔޫރޮޕާ ލީގުގެ ކުޅުން ރޭ ވަނީ ފަށާފައެވެ. ގުރޫޕް ސްޓޭޖްގައި އިނގިރޭސި ވިލާތައް ނިސްބަތްވާ ދެ ކުލަބް ކަމަށްވާ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗްތައް ވަނީ ކާމިޔާބުކޮށްފައެވެ.
ގުރޫޕް އެފްގައި މި މުބާރާތުގެ އެންމެ ފަހުގެ ރަނައަޕް ޓީމް ކަމަށްވާ އިނގިރޭސި ވިލާތުގެ އާސެނަލް އަދި ޖުރުމަނުގެ ފްރެންކްފާޓް ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކުރީ 3-0 ނަތީޖާއަކުންނެވެ. ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މިމެޗަށް އާސެނަލްއިން ކުޅެން ނުކުތީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ޓީމްގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މެޗްގެ ފުރަތަމަ ގޯލް އާސެނަލްއަށް ކާމިޔާބިކޮށްދިނީ އާސެނަލްގެ އުމުރުން 19 އަހަރުގެ ޖޯ ވިލޮކްއެވެ. ވިލޮކްގެ ގެ މިގޯލަކީ ސަކާ ތަނަވަސްކޮށްދިން ބޯޅައަކުން ވިލޮކް ކާމިޔާބު ކުރި ގޯލެކެވެ. ސަކާ ދިން ބޯޅަ ވިލޮކް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފްރެންކްފާޓްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނީ ވިލޮކް ކާމިޔާބުކުރި ގޯލާއިއެކު 1-0 ން އާސެނަލް ކުރީގައި އޮވެގެންނެވެ.
އާސެނަލްގެ ފަހު ދެގޯލް ފެނިގެންދިޔައީ މެޗެގެ ފަހުކޮޅެވެ. އާސެނަލްގެ ދެވަނަގޯލް ކާމިޔާބުކުރީ އުމުރުން 18 އަހަރުގެ ބުކަޔޯ ސަކާއެވެ. ސަކާ ކާމިޔާބުކޮށްދިން ގޯލަކީ ސަކާ ޔޫރަޕްގެ މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އާސެނަލްގެ ފަހުގޯލް ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަންގައި އާސެނަލްއަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން އަބޫމަޔަންގްއެވެ. މިމެޗްގައި ފްރެންކްފާޓްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވެއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާސެނަލްގެ އުމުރުން 18 އަހަރުގެ ބުކަޔޯ ސަކާއެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް އެލްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފުޓްބޯލް ކުލަބް އަސްޓާނާއާއި ދެކޮޅަށް ރޭ މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑު ކަމަށްވާ އޯލްޑް ޓެރފޮޑްގައި ކުޅުނު މެޗް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކުރީ 1-0 އިންނެވެ. މެޗްގެ ހަމައެކަނި ގޯލް މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނި 17 އަހަރުގެ ގްރީންވޫޑެވެ. މިއީ ގްރީންވޫޑް ޔުނައިޓެޑްގެ ސީނިއަރ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!