ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކުރިމަތިލުމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ހުށައެޅި ފޯމު ބަލައިނުގަތުމުން ހައިކޯޓުގައި އެމައްސަލަ އެޕީލްކުރެއްވުމަށް ނިންމަވައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އިން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރާނެ ބޭފުޅަކަށް، ކ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު އިންތިޚާބުވެފައިވާ ކަމަށް މިރޭ ރަސްމީކޮށް ޢިއުލާން ކުރަށްވާފަ އެވެ.
އީސީން ވިދާޅުވީ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ އެއް މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކަމަށެވެ.
އީސީގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓްވީޓައް ރައްދު ދެއްވަމުން ބައްޓޭ ވިދާޅުވެފައިވަނީ، އެޕްލިކޭޝަން ގަޑިޖެހުމުގެ ކުރިން އީމެއިލްކޮށްފައިވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބައްޓޭ ވިދާޅުވީ އީސީގެ ސިސްޓަމުން ގަޑިޖެހިގެން ފޮނުވާފައި އިންކަމަށް ދެއްކިނަމަވެސް ގަޑިޖެހުމުގެ ކުރިން އީމެއިލް ފޮނުވާފައިވާނެކަމަށެވެ.
"އިލެކްޝަންގެ ސާވަރގައި ޑިލޭއެއް އުޅޭނެކަމަށް ގަބޫލުކުރަނީ، އަދި މައްސަލަ މާދަމާ ހައިކޯޓުގައި އެޕީލްކުރާނަން" މިނޫހަށް މަޢޫލޫމާތުދެއްވަމުން ބައްޓޭ ވިދާޅުވި އެވެ.
ބައްޓޭ އިތުރަށް ވިދާޅުވީ، އީސީ އިން މިމަގާމަށް ވާދަކުރުމަށް ހުޅުވާލާފައިވަނީ ހަމައެކަނި އީމެއިލް މެދުވެރިކޮށްކަމަށާއި، އީމެއިލް ޑިލޭސްވެސް އުޅޭކަމަށެވެ. އަދި ސްޕެމްއަށްވެސް އީމެއިލް ގޮސް ހުންނަކަމަށާއި އަދި ބަޔެއްފަހަރައް އީމެއިލް ނުލުބިވެސް ހުންނަކަމަށެވެ.
އަޅުގަނޑުގެ އެޕްލިކޭޝަން ގަޑިޖެހުމުގެ ކުރިން އީމެއިލްކޮށްފައިވާނެ ކަމުގައި ދަންނަވަން. އަދި މައްސަލަ މާދަމާ ހައިކޯޓުގައި އެޕީލްކުރާނެ ކަމުގައި ދަންނަވަން.
— Basheer (@Batteyy) May 25, 2021
ވެރިކަންކުރާ އެމްޑީޕީ އިން އަތޮޅު ކައުންސިލްތަކުން އެލްޖީއޭގެ ބޯޑަށް ވާދަކުރުމަށް ވަނީ ވިފްލައިނެއްވެސް ނެރެފައެވެ. މީގެ ދެދުވަސް ކުރިން އެވިޕްލައިން ނެރެފައިވަނީ އެޕާޓީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ވާދަ ކުރުމަށެވެ.
މިކަމާއި ގުޅިގެން އީސީ ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ބަަޝީރު އެ މަގާށް ކުރިމަތި ލުމަށް ފޯމު ހުށަހެޅުއްވީ 4 މިނެޓް ލަހުންކަމަށެވެ. ޝަރީފް ކުރެއްވި ޓުވީޓްގައިވާގޮތުން ގަޑިޖެހުމުގެ ފަހުން ފޯމް ހުށައަޅާފައިވަނީ އެމްޑީޕީގެ 3 ކައުންސިލަރެކެވެ.
ޝަރީފު މިއަދު ކުރެއްވި އެ ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ.
އެލްޖީއޭފެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރެއްވުމަށް އިންތިޚާބުވި ނިމާލަކީ ޕީޕީއެމްއަށް ނިސްބަވްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ބައްޓޭ ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!