ތައުހީދަކީ ކޮބާހެއްޔެވެ؟ އެއީ ތައުޙީދަކީ، ﷲ ތަޢާލާގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. ދެން އޮތް ސުވާލަކީ އީމާން ކަމަކީ ކޮބާހެއްޔެވެ؟
ޖިބްރީލު ޢަލައިހިއްސަލާމް މިސުވާލު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާ ކުރެއްވުމުން އެކަލެގެފާނު ޙަދީޘްކުރެއްވިއެވެ. أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. (صحيح مسلم (8))
މާނަ: "އެއީ (އީމާން ކަމަކީ) ﷲ އަށް އީމާންވުމާއި، އެއިލާހުގެ މަލާއިކަތުންނާއި، އެއިލާހުގެ ފޮތްތަކާއި، އެއިލާހުގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާ ނުބައިމިންވަރަށް އީމާންވުމެވެ."
ޚުލާސާގޮތެއްގައި ނަމަވެސް މި ބުނެވުނީ ތައުޙީދާއި އީމާންކަމުގެ ތަޢާރަފެކެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ އަސާސްކަމުގައި މިދެކަންތައް ހަދަންވީ ކީއްވެތޯއެވެ. ޝައްކެއްނެތްގޮތުގައި، ތައުޙީދަކީ އަޅުގަނޑުމެންގެ ދީނުގެ މައިގަނޑު ދަޢުވަތެވެ. އަދި އީމާންކަމުގައި ހިމެނެނީ އަޅުގަނޑުމެންގެ ހިތުން ތެދުކޮށް ޤަބޫލުކުރަންޖެހޭ މައިގަނޑު ކަންކަމެވެ. ތައުޙީދާއި އީމާންކަން ކުދިންނަށް ރަނގަޅަށް އިނގޭ ޙާލު، އެކުދިން ބޮޑުވާނަމަ، އެކުދިން ދީނާއި ފެޔަށް ޖައްސުވައިލުން ވާނީ ޝައިޠާނާއަށް ވަރަށް އުނދަގޫ ކަމަކަށެވެ.
ވީމާ އީމާން ކަމުގެ ހުރިހާ ރުކުނެއްވެސް ދަރިންނަށް ކިޔައިދީ، އެކުދިންގެ އީމާންކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި ﷲ ގެ އެއްކައުވަންތަކަމާއި ތައުހީދުގެ ޢިލްމު އެކުދިންނަށް އުނގަންނައިދޭން ވާނެވެ. ތަރުބިއްޔަތު ކުރުމުގެ ލާމަސީލު މިޘާލެއް ކަމަށްވާ ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް، ﷲ އެއްކައުވަންތަ ކުރުމަށާއި، ޝިރުކު ނުކުރުމަށް ނަޞޭޙަތްތެރިވިއެވެ. މި ނަޞޭޙަތް ﷲ ވަނީ އެއިލާހު ހަތް އުޑުމަތިން ބާވައިލެއްވި ކީރިތި ޤުރްއާނުގައި ޛިކުރު ކުރައްވާފައެވެ. ފަހެ ﷲ ވަޙީ ކުރެއްވިއެވެ: ﴿ وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴾ [سورة لقمان 13]
މާނަ: "އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."
އަދުގެ ދުނިޔެއަކީ ދީނާއި އަޅަމެން ޚަލްޤު ކުރެއްވި އަޅަމެންގެ ވެރި ރައްބާ މެދުވެސް ޝައްކުއުފައްދޭ އެކިއެކި ޝުބުހާތަކުން ފުރިފައިވާ ދުނިޔެއެކެވެ.
މި މުޖުތަމަޢުގެ ތެރެއަށް ދަރިފުޅު ނުކުންނަށްވާ ދުވަސް އައުމުގެ ކުރިން، އީމާންކަމާއި ތައުޙީދުގެ ވަރުގަދަ އަސާސުގެ މަތީގައި ދަރިފުޅު ތަރުބިއްޔަތު ކުރެވިއްޖެނަމަ، ބޭރުން އަންނަ ފިކުރީ ޙަމަލާތަކުން ސަލާމަތްވުމަށް އެދަރިފުޅަށް ވަރަށް ފަސޭހަވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!