ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ހޮނޑާފުށި އައިލެންޑް ރިސޯޓްގެ އިތުރުން އަދި އެ ބޭފުޅާގެ މަސްލަގަތު އޮންނަ އިތުރު ދެ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުން ފަސްކޮށްދިން ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލް ކޮށްފައިވާ ހަ ރިސޯޓަކަށް ވަނީ ފައިސާ ދެއްކުން ފަސްކޮށްދީ އަލުން ރިސޯޓް ހިންގުމުގެ ހުއްދަ ދީފައެވެ. އެ ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ.

Ad
rt

އެ ހަ ރިސޯޓްގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތިން ރިސޯޓެއް ހިމެނެއެވެ. އެ ރިސޯޓްތަކަކީ ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ފިލިތެޔޮ އައިލެންޑް ރިސޯޓާއި، މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ މެދުފުށި އައިލެންޑް ރިސޯޓުގެ އިތުރުން އަލީ ޝިޔާމްގެ އެއްބަނޑު އެއްބަފާ ކޮށްކޮ ހަމްޒާ އަބްދުﷲ އަލީ ހިންގަމުން އަންނަ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.

ފިލިތެޔި އައިލެންޑް ރިސޯޓުން 8.12 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހެއެވެ. އަދި މެދުފުށި އައިލެންޑް ރިސޯޓުން 4.29 މިލިއަން ޑޮލަރު ދައުލަތަށް ދައްކަންޖެހޭއިރު ހޮނޑާފުށި އައިލެންޑް ރިސޯޓުން 409575 ޑޮލަރު ދައުލަތަށް ދައްކަން ޖެހެއެވެ. މި ތިން ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 198.5 މިލިއަން ރުފިޔާއަށް އަރައެވެ.

ސަރުކާރުން އޭރު ފައިސާ ދެއްކުން ފަސްކޮށްދިން ހަ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާފެ އަދަދު 309.15 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ 20.05 މިލިއަން ޑޮލަރެވެ.

އެ ހަ ރިސޯޓަށް ފައިސާ ދެއްކުމަށް ދައުލަތުން އިތުރު ކޮށްދިން މުހުލަތު މިހާރު ވަނީ ހަމަވެފައެވެ. ނަމަވެސް އެ ފައިސާ ދައުލަތަށް ދައްކާފައިނުވާ ކަމުގެ އަޑުވަނީ ފެތުރިފައެވެ. އަދި އަލި ޝިޔާމްގެ މަސްލަހަތު އޮންނަ ތިން ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދީފައިވަނީ ނުފޫޒުން ކަމުގައި އޭރުވެސް ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ.