ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފަައިވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެގޮތުން 18 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަޓީމް ގަތަރުގައި ކޭމްޕް ކޮށްފިއެވެ.

ދިވެހި ޓީމްގެ ފަރިތަކުރުންތައް މިހާރު ފަށާފައި ވާއިރު މި ފަރިތަކުރުންތައް ކުރިއަށް ދަނީ ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ޔުނިވަސިޓީ ސްޓޭޑިއަމްގައެވެ.

Ad
rt

މި ޓްރޭނިން ކޭމްޕްގައި ބައިވެރިވުމަށްޓަކައި ދިވެހި ޓީމް ގަތަރަށް ފުރާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މުބާރާތަކީ ސައުތު އޭޝިއަން ފުޓްބޯލް ފޭޑެރޭޝަނުން 2015 ވަނަ އަހަރު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި ފެށި މުބާރާތެކެވެ. 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް ބައިވެރި ވާ ގައުމުތަކުން އެގައުމުތަކުގެ 18 އަހަރުން ދަށުގެ ޓީމްތައް މިމުބާރާތުގައި ބައިވެރި ކުރާތީ މުބާރާދުގެ ނަން ވަނީ 2017 އަހަރު 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމަށް ބަދަލުކޮށްފައެވެ.

​މިހާތަނަށް މީގެ ދެ މުބާރާތް ބޭއްވުނު އިރު ދެފަހަރުވެސް ޗެމްޕިއަންކަން ހޯދާފައި ވަނީ ނޭޕާލްއިންނެވެ. ފުރަތަމަ މުބާރާތް ނޭޕާލްއިން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށްގެންނެވެ. 2017 ވަނަ އަހަރުގެ މުބާރާތް ނޭޕާލްއިން ކާމިޔާބުކުރީ 2-1 އިން ބަނގްލަދޭޝް ބަލިކޮށްގެންނެވެ.