ރައީސް ސޯލިހު އަކީ "ބޭވަފާތެރިއެއް" ކަމަށާއި، ރައީސް ސޯލިހު ބޭވަފާތެރިވީ ހަމައެކަނި އޭނާއަށް އެކަނި ނޫންކަމަ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީޕީއެންސީއިން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ "ދަވާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ލަޠީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދު ފެއިލްވެފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ލަޠީފު އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންނަށް ލަނޑުދެއްވާފައިވާ ކަމަށާއި އަންނަ އަހަރު ރާއްޖޭގައި އިންތިހާބު އޮންނާނެކަމަށެވެ.
"ތިޔަ ބޭފުޅުން ތައްޔާރުތޯ ވޯޓްލާން. ހަމަ ޔަގީން އަންނަ އަހަރު އިންތިހާބު އޮންނާނެ. މި ރައީސަކަށް މިކަމެއް ނުވާނެ."
ކުރީގެ މެންބަރު ލަތީފު ވިދާޅުވި އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގައި ހުންނެވި ލަތީފް ފަހުން ފެނިގެން ގޮސްފައިވަނީ ޖުމުހޫރީ ޕާޓީ އިންނެވެ. އެއަށްފަހު ލަތީފް ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި އުފެއްދި ތާޑްވޭ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވެސް ވާހަކަ ދައްކަވާފައެވެ.
ރޭ އިދިކޮޅުން ބޭއްވި "ދަވާލައިފި" ޖަލްސާގައި ވާހަކަ ދައްކަމުން ލަތީފް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޚާއްސަކޮށް ރައީސް ސޯލިހާއި ފޮރިން މިނިސްޓަރ ޝާހިދަށް ފާޑުވިދާޅުވެ އަދި ސަރުކާރު ހިންގަނީ އަމާޒެއް ނެތިކަމަށައި ސަރުކާރު ހިންގަން ނުދަންނަ ބަޔެއް ކަމަށް ލަތީފް ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ރައީސް ޔާމީނާއެކު އިދިކޮޅުން ކާމިޔާބު ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ބުނެ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި ލަތީފް ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އިދިކޮޅު ޖަލްސާތަކުގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ރައީސް ޔާމިނުގެ ވެރިކަމުގައި އިދިކޮޅާއި ގުޅުނު 12 މެންބަރުންތެރޭގައި ލަތީފް ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!