މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި ފަރާތްތައް ކަނޑައެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއްވެސް ނުފޫޒެއް، ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއެކުގައިކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްވައިފިއެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، މި ޔަގީންކަން ދެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނުގެ ފުރުސަތަށްއެދި 1176 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން ލޯނު ލިބޭފަރާތްތަކުގެ އެޕްލިކޭޝަންތައް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތަށް، އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި 1176 ފަރާތުގެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި ޢީޚުލާޞްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތިއެވެ.''- މިނިސްޓަރު އިބްރާހީމް ޙަސަން ވިދާޅުވެފަ ވެއެވެ.
މިފަހަރުގެ ފުރުޞަތުގައި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 770 ފަރާތަކަށް ލޯނު ދޫކުރާނެ އެވެ. މިދިޔަ އަހަރު ހުޅުވާލީ 550 ފުރުސަތެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ 514 ދަރިވަރުންގެ ނަން އެ އަހަރުގެ ޖޫން 25 ވަނަ ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިއުލާނު ކޮށްފައެވެ. އެ ބުރުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލިއެވެ.
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި 20 ޖުލައި 2020 ވަނަ ދުވަހު ވިދާޅު ވެފައެވެ. އެ މަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 6،250 ދަރިވަރުންގެ ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!