ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ސްޕެއިން ވަނީ ފަރޯ އައިލެންޑްސްގެ މައްޗައް ފަސޭހަކަމާއިއެކު ކުރިހޯދާ ގުރޫޕް އެފްގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ.
ސްޕެެއިން ރޭ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. ސްޕެއިންގެ ގޯލްތައް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އަދި ޕާކޯ އެވެ. ކޮންމެ ކުޅުންތެރިއަކުވެސް ރޭގެ މެޗްގައި ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ދެގޯލް ރޮޑްރިގޯ ކަމިޔާބުކޮށްދިނީ 13 އަދި 50 ވަނަ މިނިޓްގައެވެ. ޕާކޯގެ ގޯލްތައް ފެނިގެން ދިޔައީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުތެރޭގައެވެ.
މިގުރޫޕްގައި ރޭ ސްވިޑެން އަދި ނޯވޭ ބައްދަލުކުރިމެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިމެޗްގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ގޯލް ޖަހާ ލީޑް ނެގީ ސްވިޑެންއިންނެވެ. މިގޯލް ސްވިޑެން އަށް ސްޓެފެން ކާމިޔާބުކޮށްދިން އިރު ދެވަނަ ހާފްގަ އެމިލް ފޯސްބާގް ވަނީ ނޯވޭއަށް މެޗް ގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ގުރޫޕް އެފްގައި ކޮންމެ ޓީމެއްވެސް މިހާތަނަށް ހަ މެޗް ކުޅެފައިވާއިރު އެއްވަނައިގައި ސްޕެއިން އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއި އެކު ކުޅުނު ހަމެޗުންވެސް މޮޅުވެ 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ސްވިޑެން އަށް 11 ލިބިފައިވާއިރު ރޮމޭނިޔާއަށް ތިންވަނަ ލިބެނީ 10 ޕޮއިންޓާއި އެކުއެވެ. ހަތަރުވަނައިގައި ނޯވޭ އޮތީ 9 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި ތިންޕޮއިންޓާއިއެކު މޯލްޓާ އޮތްއިރު ގުރޫޕްގެ ފުލުގައި ފަރޯއީ އައިލެންޑްސް އޮތީ ކުޅުނު ހަ މެޗްއިންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ޔޫރޯ 2020 ގެ ކޮލިފިކޭޝަންސްގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗްތަކަށްބަލާއިރު ގުރޫޕް އައި ގައި ބެލްޖިއަމް ވަނީ ފަސޭހަ ކާމާއިއެކު 4-0 އިން ސްކޮޓްލެންޑް ބަލިކޮށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ. ގުރޫޕް އީގައި ކްރޮއޭޝިއާ އާއި އަޒަބައިޖާންގެ މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގުރޫޕް ސީގައި ޖަރުމަން އަދި ނެދަލެންޑްސް ވެސް ކުޅުނު މެޗްތައްވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!