ކޮރޯނާ ވައިރަސްގެ ބަލާއާފާތުން މިންޖުވެ، ހަމަ ނޭވާއެއްލުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާތާ އަހަރަކަށް ވުރެވެސް ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ދުނިޔެއަށް އުންމީދުގެ އަލިކަމެއް ގެނެސްދީފައިވަނީ ދުނިޔޭގެ ޤައުމުތަކުގައި އުފައްދުމުގެ އެކި މަރުހަލާތައް ކަޑައްތު ކޮށްފައިވާ ކޯވިޑް-19ގެ ވެކްސިންތަކުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑަށް ފަރުވާއެއް ހޯދުމަށް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ތަހުލީލު ކުރުމުގެ މަރުހަލާގައިވާއިރު، 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީތަކުގައި ތަހުލީލުތައް ކުރަމުންނެވެ. އަދި ވެކްސިން ތަހުލީލު ކުރުމުގެ އެންމެ ފަހު މަރުހަލާގައި 15 ވެކްސިނެއް ފުޅާދާއިރާއެއްގައި ތަހުލީލު ކުރެވެމުން އެބަދެއެވެ.
ކޯވިޑް ވެކްސިންތަކުގެ ނަތީޖާއިން ސަލާމަތްތެރިކަން ލިބިދާނެ ކަމުގެ އުންމީދު އާލާވެ، އެތައް ޤައުމެއްގައި މިހާރު ވެކްސިން ޖަހަންފަށާފައިވާއިރު ރާއްޖެއަށް ވެސް މިވަނީ ކޯވިޑް ވެކްސިނެއް ގެނެސްފައެވެ. މިގޮތުން އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ، ވެކްސިން ފޯމިއުލާއާއި އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މިވަނީ މި އަހަރުގެ ޖަނަވަރީ 20ވީ ބުދަ ދުވަހު ހަދިޔާކޮށްފައެވެ.
މި ވެކްސިން ރާއްޖެ ގެނައުމާއެކު ޤައުމުގެ ހުރަހާއި، ދިގަށް މި ވެކްސިންގެ ވާހަކަ އެކިގޮތް ގޮތަށް ދެކެވެން ފެށުމުން ''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތޯ އެތައް ރައްޔިތުނެއްގެ ހިތުގައި އުފެދޭ ސުވާލަށް އޮތީ ޖަވާބެއް ބޭނުންވެފައެވެ. އެހެން ނޫންނަމަވެސް ރައްޔިތުން މި ވެކްސިން ޖެހުމުގެ ކުރިން ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރާން ބޭނުންވާނެ ކަމީވެސް ކަށަވަރު ކަމެކެވެ.
މިކަމުގައި ބެލިދާނެ ބުއްދީގެ އެއް ހަމައަކީ ސަރުކާރުން ރައްކާތެރިނޫން، އިތުބާރެއްނެތް ވެކްސިނެއް ގައުމެއްގެ ބައިލައްކަ ރައްޔިތުންގެ ގަޔަށް ޖަހައިފާނެތޯއެވެ؟ މި ވިސްނުމުން ވަކިއަތަކަށް ނުޖެހި ވިސްނާލުމުން ވިސްނުމަށް އަންނަނީ ރައްކާތެރިނޫން، އިތުބާރެއް ނެތް ވެކްސިނެއް އެންމެ ރައްޔިތެއްގެ ގަޔަށް ޖަހަންވެސް ސަރުކާރުން ބޭނުން ނުވާނެކަމެވެ. ވިސްނުމަކީ ތަފާތު އެއްޗެއްވެސް މެއެވެ.
ދެން މި ވެކްސިންގެ ރައްކާތެރިކަމާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ދޭ ލަފަޔަކީ ކޮބައިތޯ ބަލައިލަން ހިންގަވާށެވެ.
''މި ވެކްސިން މިހާރުވަނީ ކްލިނިކަލް ޓްރަޔަލް ގެ އެންމެ ފަހު މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައެވެ. ދިވެހިރާއްޖޭގައި ދޭ ހުރިހާ ވެކްސިންތަކަކީ ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން، ބޭނުންކުރެވޭ ވެކްސިންތަކެވެ. އެމް.އެފް.ޑީ.އޭ އިން ހުއްދަދެވޭއިރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލޭނެއެވެ.''
އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ މިބުނުމުން، މި ވެކްސިން ދިވެހި ރައްޔިތުންގެ ގަޔަށް ޖަހަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން ކަމާއި، އަދި އެ އޮތޯރިޓީން އެ ހުއްދަ ދޭނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްފަހުގައިކަން އެބައެނގެއެވެ. އެހެންކަމުން އެ ވެކްސިން ޖަހަން އެމް.އެފް.ޑީ.އޭ އިން ހުއްދަދިނުމުން، އެ ވެކްސިނާމެދު އޮތް ސުވާލުގެ ޖަވާބު ލިބުނީއެވެ.
މި ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިގޮތުން އާންމުކޮށް ހަށިގަނޑުން ފެންނަ ޢަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތައް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި:
- އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންކަން
- ހުންއަން
- ވަރުބަލިވުން
- ބޮލުގައި ރިއްސުން
- މޭ ނުބައިކުރުން
- ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
ވެކްސިން ޖެހުމުން ވެދާނެ ގޮތާއި މެދުގައި، ހިތުގައި ދެން އުފެދޭނެ ސުވާލުގެ ޖަވާބުވެސް އެޗްޕީއޭއިން މިއޮތީ ދީފައެވެ. ''މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅުވާނެ'' ކަމަށް އެޗްޕީއޭއިން ބުނެފައި އޮތުމުން ވެކްސިން ޖެހުމުގެ ކުރިން ދެން ހިތުގައި އުފެދޭ ސުވާލުގެ ޖަވާބުވެސް ލިބެއެވެ.
''ކޮވިޝީލްޑް" އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެއް ކަމަށް އެޗްޕީއޭއިން ޔަގީންކޮށް ދެއެވެ. އަދި މިއީ
އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ.
''ކޮވިޑްޝީލްޑް އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.''
=އެޗްޕީއޭ=
އަޅުގަނޑުމެން ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހޭ ސަބަބަކީ، ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (2-SARS-CoV) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެއް ކަމަށް ވާތީއެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމަކީ، ޞިއްޙީ، އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކުރުވަމުންދާ ކާރިސާ އެކެވެ. ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ. މި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހުން، އެންމެ މުހިންމު މީހުންގެ ތެރޭގައި، ސިއްޙީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަޙައްމަލު ކުރާ މީހުން ހިމެނެއެވެ.
ކޯވިޑް ވެކްސިނާއިގުޅޭ އާންމު 37 ސުވާލެއްގެ ޖަވާބު:
މަޢުލޫމާތު: އެޗްޕީއޭ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!