ކޯވިޑް-19އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، "ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ކަން ހާމަކުރެއްވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް މިއަދު މެންދުރުފަހު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހީއެއްގެ ގޮތުން ހަދިޔާކޮށްފައިވާ ކޯވިޑް-19ގެ ވެކްސިނެއް ކަމުގައިވާ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް މިއަދު މެންދުރުފަހު ވަނީ ރާއްޖެ ގެނެސްފައިކަމަށެވެ.
މިއަދު ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން ފާހަގަކުރައްވާ، އިންޑިއާގެ ރައްޔިތުންނާއި، އެ ޤައުމުގެ ސަރުކާރާއި، އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމުގައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ މި ވެކްސިން ފޯރުކޮށްދިނުން ކަމުގައެވެ. މީގެ އިތުރުން، ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މި ބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާނެ
އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
Maldives is happy to receive as grant, 100,000 doses of Covishield developed by Serum Institute of India - among the first countries to receive vaccines from India.
As always, India stands strong & steadfast, by our side, as 1st responder in any crisis#MaldivesIndiaPartnership pic.twitter.com/Pdi99YxBr1
— Abdulla Shahid (@abdulla_shahid) January 20, 2021
ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ، ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބުމަކީ، މި ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އުންމީދީ ކުރިއެރުމެއް ކަމުގައެވެ. ނަމަވެސް، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރިމަތީގައި އޮތްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ކޮވިޝީލްޑްއަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އަދި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޯވިޑް-19 ވެކްސިންގެ މައްޗަށް ބިނާކޮށް އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ "ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ"އިން އުފައްދާފައިވާ ވެކްސިނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!