މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން އަހުލުވެރި ކުރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅިވީ ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މެނިފެސްޓޯގައި ކަނޑައެޅުއްވީ މިމަޤްޞަދު ޙާޞިލްކުރެއްވުމުގެ ބޭނުންފުޅުމުގައިކަމަށެވެ.
ރާއްޖޭގެ މުޅި ތާރީޚުގައިވެސް، ރައްޔިތުންނަށް ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުންކަމަށާއި ސަރުކާރުން ތަޢުލީމަށް ދެއްވަން ފެއްޓެވި އެހީތެރިކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމުގައެވެ.
ތަޢުލީމީ ދާއިރާގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން، މިހިނގާ ދިރާސީ އަހަރުގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ހަތްދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރި ސަރުކާރުގެ 213 ސްކޫލްގެ ތެރެއިން 144 ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވާއިރު ބާކީ ހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުޙަލާ މިހާރު ފެށިފައިވާކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށެވެ. އެގޮތުން މިނިޒާމުގެ ތެރެއިން ދަސްވެނިވާއިރު ދަރިވަރުން ތިބޭނީ އަމިއްލަ ޒިންމާތަކަށް ފަރިތަވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މަތީ ތަޢުލީމް ޙާޞިލްކުރުމަށް ސަރުކާރުން ތަނަވަސްކޮށްދީފައިވާ ފުރުޞަތުތައް، ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވައި ސަރުކާރުން ފަހިކޮށްދީފައިވާ މިފުރުޞަތުތަކުގެ ބޭނުން، ވީއެންމެ ރަނގަޅަކަށް ހިފައިގެން ޤައުމަށް ބޭނުންތެރި ކުދިންތަކަކަށް ވުމަށް ދަރިވަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރުއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވަކިރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން، ކުޑަފަރީ ސްކޫލަށް ވެސް، ލިބެންޖެހޭ ވަސީލަތްތަކާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުން ފޯރުކޮށްދެމުންދާނެކަމުގެ ކަށަވަރުކަން ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްވިއެވެ. އެގޮތުން އެ ސްކޫލަށް މިހާރު ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމަށް ޙައްލެއްގެނައުމުގެ ގޮތުން އެސްކޫލްގެ އާޢިމާރާތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެމަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ފާހަގަކުރައްވައި އޭގެ އިތުރުން އެ ސްކޫލުގައި ހަދާ ސްމާޓް ކްލާސްރޫމްތަކުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޑަފަރީ ސްކޫލަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލްގެ ޖަލްސާގައި އެ ސްކޫލުގެ ފަރާތުން ވަނީ ސްކޫލުން އަރުވާ އެންމެ މަތީ ޝަރަފުކަމުގައިވާ މަކްތަބުލް ހިދާޔާގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މީގެ އިތުރުން 20 އަހަރާއި 30 އަހަރާ ދެމެދު އެ ސްކޫލަށް ޚިދުމަތް ކޮށްދެއްވި ފަރާތްތަކަށް ސްކޫލުގެ ފަރާތުން އެރުވި ޝަރަފުގެ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންނާ ފިލާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!