ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުންގެ ކަރަންޓީނުވާން ޖެހޭނެކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޢިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެއަންނަ ދުވަހުން ފެށިގެން 10 ދުވަހު ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

Ad
rt

މިފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލާނީ 10 ދުވަހަށް ފަހު ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިފަދަ ދަރިވަރުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ގެންނަންވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހަށް ގޭގައި ކަރަންޓީނުވާން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ދޫތައް ދީފައެވެ.

ނިމުނު 2020 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ވަނީ 13،757 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، 48 މީހުން ނިޔާވެފައެވެ. އަދި އަހަރު ނިމުނުއިރު 13،141 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 561 މީހެކެވެ. އެ އަހަރުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓް ކުރުމަށް ނެގިފައި ވަނީ 316،704 ސާމްޕަލެވެ.