މި ހަފްތާގެ އާދީއްތަ ދުވަހު ބަހާމާސްގެ ރަށްތަކަށް އެރި ތޫފާން ޑޯރިއަން، ބާރުކުޑަވަމުން އަންނަކަމަށާއި އަދި މިހާރު ތޫފާން، ގިންތި ކުރެވިފައިވަނީ ތިންވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގައިކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެންމެ ފުރަތަމަ، ކެޓަގަރީ ފަހެއްގެ ތޫފާނެއްގެ ގޮތުގައި ބަހާމާސްގެ ޖަޒީރާ ރަށްތަކަށް މި ތޫފާން އަރާފައިވާއިރު، އެކަމުގެ ސަބަބުން އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވެއެވެ. ހަމައެހެންމެ، މީހުން މަރުވެ ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެސްވެއެވެ.

Ad
rt

ޑޯރިއަން ތޫފާން އެމެރިކާގެ ބައެއް ސްޓޭޓުތަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތޫފާނުގެ ސަބަބުން ކުރިމަތިވެދާނެ ކުއްލި ޙާލަތަކަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެޤައުމުގެ ފްލޮރިޑާ އާއި އެސަރަޙައްދުގެ ބައެއް އެހެން ސްޓޭޓުތަކުގެ ރައްކާތެރި ސަރަޙައްދުތަކުގައި އިވެކުއޭޝަން ސެންޓަރުތައްވެސް ޤާއިމް ކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މިހާރުވެސް ފްލޮރިޑާގެ ބައެއް އިވެކުއޭޝަން ސެންޓަރުތައް ވަނީ ފުރިފައެވެ. މިކަމުގެ ސަބަބުން ބައެއް ސެންޓަރުތަކަށް ދާ މީހުން އަނބުރާ ފޮނުވާލަމުންދާކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނަމުންދެއެވެ.

ފްލޮރިޑާގެ އިތުރުން ކައިރީގައި އޮންނަ ޖޯޖިޔާ އާއި އުތުރު އަދި ދެކުނު ކެރޮލައިނާގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅެމުން އަންނަ މީހުންވެސް ދަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވަމުންނެވެ. ހަމައެހެންމެ، އެސަރަޙައްދުތަކުގައި ހިންގަމުން އަންނަ ގިނަ އަދަދެއްގެ ވިޔަފާރިތަކެއްވެސް އިއްޔެއާއި މިއަދު ވަނީ ބަންދުކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ތޫފާނުގެ ބާރު ދަށްވެ، ތިންވަނަ ދަރަޖައިގެ ތޫފާނަކަށް ބަދަލުވިކަމުގައިވިޔަސް، އެކަމުގެ ސަބަބުން ގެދޮރުތައް ސުންނާފަތިވެ، އިތުރު ގެއްލުންތައް ލިބުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން، އާއްމުން މިކަންކަން ލުއިކޮށް ނުނެގުމަށްވެސް އެފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ތިންވަނަ ކެޓަގަރީގެ ތޫފާނެއް އެރުމުން ގަޑިއަކު 178 ކިލޯމީޓަރާއި 208 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.