ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި ފަހުން އެކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ ކުޅުދުއްފުށީ ކޯޓަށް ދައުލަތުން ޖަމާކޮށްދީފި އެވެ.
އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން އެ ރަށު ކޯޓުން ކަނޑައެޅި ބަދަލާއި މެދު ހިތް ހަމަ ނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ކުޅުދުއްފުށީ ޑޭޒީވިލާގެ އަލީ އިސްމާއިލް އާއި ކުލަވަރުގެ މޫސާ ހަސަންނެވެ. އަދި ހައި ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ މައްސަލަ އަލުން ބެލުމަށް ކުޅުދުއްފުށީ ކޯޓަށް އަންގާފަ އެވެ.
އެ މައްސަލައިގެ ހުކުމް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކުޅުދުއްފުށީ ކޯޓުން ކޮށްފައިވާއިރު، ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ ދިނުމަށެވެ. އަދި ކުލަވަރުގެ ބަދަލުގެ ގޮތުގައި 955،120.37 ރުފިޔާ ދިނުމަށެވެ.
ުކުޅުދުއްފުށި ކޯޓުން ބުނީ މިހާރު އެ ދެ ގޯތީގެ ވެރިފަރާތަށް އެފައިސާ ހަވާލުކުރުމަށްޓަކައި ބޭންކު އެކައުންޓް ނަމްބަރު އެނގޭނޭގޮތަށް ކޯޓަށް ސިޓީއެއް ހުށައެޅުމަށް އަންގާފައިވާނެ ކަމަށާއި އެސިޓީ ލިބުމާ އެކު އެފައިސާ އެހުކުމްގައިވާ ގޮތަށް އެ ދެގޯތީގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!