ހދ. ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ދަތުރު ހިޔަލަކީ އަސާސީ ހިދުމަތްތައް ހޯދުމަށް އެރަށް އަރާ އެތައް ހާސް ރައްޔުންނެއް ބޭނުން ކުރުމަށް ހަދާފައިވާތަނެކެވެ. ދުވާލެއްގެ މައްޗަށް ހއ، ހދ އަދި ށ އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ކުޅުދުއްފުއްޓަށް ގޮސް މަޑުކޮށްލަން އޮތް ހަމަ އެކަނި ތަނަކީ ވެސް ދަތުރު ހިޔަލެވެ.

ނަމަވެސް މިއަދު އެ ދަތުރު ހިޔަލަކީ އެތާނގައި މަޑު ކޮށްލާ ބަޔަކަށް ޚިދުމަތް ހޯދޭނެ ފެންވަރުގައި އޮތް ތަނެއް ނޫނެވެ. ފެން ލިބޭނެ އިންތިޒާމެއް ނެތެވެ. އެންމެ ކުޑަމިނުން އެތަން ސާފުކޮށްލަނީ ވެސް މަދު ފަހަރަކުއެވެ.

Ad
rt

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް "ތިލަދުން" އަށް ވިދާޅުވީ، 2011 ވަނަ އަހަރު ދަތުރު ހިޔާ އެޅިގެން ގޮސްފައިވާއިރު، އޭރު އެތަނުގައި އިމާރަތްކުރި ފާހާނައިގެ ބޭނުން އަދި މިވީހާތަނަށް ވެސް ބޭނުން ކުރެވިފައިނުވާ ކަމަށެވެ. އެ ފަހާނަ ބޭނުން ކުރެވިފައިނުވަނީ އެތަނަށް ނަރުދަމާގެ ޚިދުމަތް ދެވިފައިނުވާތީ ކަމަށް ލަތީފު ވިދާޅުވިއެވެ.

ދަތުރު ހިޔާ އަޅާފައި ވަނީ ހދ އަތޮޅު ކައުންސިލުން އެކައުންސިލްގެ ފުރަތަމަ ދައުރުގައެވެ. އެއަށް ފަހު އެތަން ވަނީ ކުޅުދުއްފުށީ ރަށު ކައުންސިލަށް ވިއްކާލާފައެވެ. އަދި ކުޅުދުއްފުށީ ކައުންސިލުން ވަނީ ދަތުރު ހިޔަލުގެ އެއްބައި ބަޔަކަށް ކުޔަށް ދީފައެވެ.

ދަތުރު ހިޔާ ކުއްޔަށް ދީފައިވާ ފަރާތުން ވަނީ އެތާނގައި ފިހާރައެއް އަޅައި ވިޔަފާރިއެއް ފަށާފައެވެ. އަދި ކުއްޔަށް ދިން އެއްބަސްވުމުގައި ފާހަނައިގެ ހިދުމަތް ދޭން ބުނެފައި އޮތް ނަމަވެސް އެކަން ނުކުރެވިއެވަނީ އެ ފަރާތުގެ މައްސަލައަކުން ނުވަތަ ކައުންސިލްގެ މައްސަލައަކުން ނޫން ކަމަށް ލަތީފު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ނެތް ނެޓްވޯކު އެޅިފައެއް. ނެޓްވޯކު އެޅެން އަންނަނީ ވެލިގަނޑުގެ ކެޑް ފައިލް (އިންޖިނިއަރިން ކުރެހުން) ލިބިގެން. މި ކައުންސިލުން މިހާތަނަށް ކުރި މަސައްކަތުން ކެޑް ފައިލް ލިބިފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި. އެ ސަރަހައްދުގައި ނެޓްވޯކު އެޅުމަށާއި މަގުތަކާއި ކޮށިތަކުގެ ބޮޑުމިން ކުރެހޭނީ ކެޑް ފައިލް ލިބިގެން. ދެން މާގިނަ ދުވަސްތަކެއް ނުވެ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއިއެކު އެތަން ކުރެހިގެން ދާނެ.

ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ދަތުރު ހިޔާ އަޅާފައި ހުރި ތަނުގެ ގޮތުން މީހުންނަށް ތަނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތައް ނުހިފޭ ކަމަށެވެ. އަދި ތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ އަމަލުތައް ހުންނަ ގޮތުން ވެސް ތަނުގެ ބޭނުން ހިފާ މީހުންގެ އަދަދު މަދުވާ ކަމަށް ލަތީފު ވިދާޅުވިއެވެ.

"އާންމުކޮށް މިހާރު ވެސް މީހުން އެތަނަށް ވަންނަނީ ފިނިކޮށްލަން. އެކަމަކު އެތާނގައި ވިޔަފާރި ކުރާ މީހުން ދަތުރު ހިޔަލަށް ވިޔަފާރި މުދާ ވައްދާފައި މި ހުންނަނީ. މިކަމާ ހެދި ނުހުރޭ އިށީނދެލާނެ ތަންކޮޅެއް ވެސް. އެކަންކަން ރަނގަޅު ކުރަން އެނގީމަ ރަނގަޅު ކޮށްލާނެ ދުވަސް ކޮޅަކަށް. އަނެއްކާ ވެސް މުދާ ވައްދަން ފަށަނީ." ލަތީފު ތިލަދުންއަށް ހިއްސާކުރިއެވެ.

ލަތީފު ވިދާޅުވީ މިހާރު ކައުންސިލްގެ ވިސްނުން ހުރީ އެ ދަތުރު ހިޔާ އެއްކޮށް ކުއްޔަށް ދޫކޮށްލައި މީހުންނަށް ފަސޭހަ ހިސާބެއްގައި ދަތުރު ހިޔަލެއް އެޅުން ކަމަށެވެ. އަދި އެ މަސައްކަތް ކައިރި މުސްތަގްބަލެއްގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ދަތުރު ހިޔާ އެ އިނީ ބަނދަރާ ފުދޭ ވަރަކަށް ދުރުގައި. އަޅުގަނޑުމެންގެ ވިސްނުން ހުރީ ބަނދަރާ ވީހާވެސް ކައިރީގައި މީހުންނަސް ފަސޭހައިން ދެވޭނެ ހިސާބެއްގައި ދަތުރު ހިޔަލެއް އެޅުން. އެހެންވީމަ އާ ދަތުރު ހިޔާ އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާނަން ވަރަށް އަވަހަށް. ސީދާ މުއްދަތެއް ނުދެންނެވި ނަމަވެސް.

ލަތިފު ވިދާޅުވިއެވެ.

އާ ދަތުރު ހިޔަލެއް އެޅި ނަމަވެސް މިހާރު ދަތުރު ހިޔާ އިން އިމާރާތައް ފެނާއި ނަރުދަމާލުމުގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ލަތީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަތުރު ހިޔާ އިން ބިމުގައި އިން ފިހާރައަށާއި އެތަން ކައިރީގައި ވިޔަފާރިއަށް ބިންތައް ދޫކުރެވިފައިވުމުން ފެނަކީ އެތަނަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.