މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މެދުރާއްޖެތެރެއަށް ޔެލޯއެލާޓް ނެރެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.
މިއަދު 10:30 އިން 12:30 އާއި ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ ބ. އަތޮޅުން އދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށެވެ.
މިއަދު ހެނދުނު 10:00އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުަތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެއެވެ.
- އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
- ރާޅުގެ އުސްމިން: 4 - 7 ފޫޓު.
- ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!