ދުނިޔެއަކީ ވަރަށްވެސް އެހެން ކަހަލަ ތަނެކެވެ. ތިމާއަށް ކުރިމަތިވާނެ ކަންކަން ނުއެއް އެނގެއެވެ. ކުރިޔަށް ވާނޭ ކަންކަން އެނގޭނޭ އެކަކުވެސް ނުވާކަން ކަށަވަރެވެ. ތިމާގެ ހަޔާތުގައި ވަނޭ ކަންކަން އެނގޭނަމަ، ހަމަ ގައިމުވެސް އަދު މުޅި ރާއްޖެ ރޮއްވާލިފަދަ ހާދިސާތައް ނުގިނގާނެކަން ކަށަވަރެވެ.
އުމުރުން އެންމެ ފަސް އަހަރުގެ އީރާއާއި، އޭނާގެ މަންމަ ގުރައިޝާ އަބްދުﷲ އިއްޔެ ހެނދުނު ނޮޅިވަރަންފަރުން ފުރީ އުފާވެރިކަމާ އެކު ހެވި ދިލިފައި ހުރެއެވެ. ތުއްތު އީރާ ހުރީ އެތަކެއް ދުވަހެއް ފަހުން އޭނާގެ ލޯބިވާ ބައްޕައާއި ދިމާވާން ކެތްމަދުވެފައެވެ. އީރާއާއި އީރާގެ މަންމަގެ އިތުރުން، އީރާގެ މާމަ އާއި ކާފަވެސް މި ދަތުރުގައި ބައިވެރިވެއެވެ.
އޭރު އީރާގެ ބައްޕަ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކެތް މަދުވެފައި ހުރީ އާއިލާއި ބައްދަލުވާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އާއިލާއާއި އެކުގައި، އުފާވެރި ވަގުތުތަކެއް ހޭދަ ކުރޭވެނޭ ކަމުގެ ފޮނި އުންމީދުގައެވެ. ހަޔާތުގެ ސޮފްހާތަކަށް، ބިޔަ ރާޅެއް ބިނދާލާނޭ ކަމުގެ އެއްވެސް އިހުސާސެއް އޭނާއަކަށް އެއްވެސް ވަރަކަށް ނުކުރެވެއެވެ.
އީރާއާއި އާއިލާ، އަދި އިތުރު 6 މީހުނާއި އެކު ޖުމްލަ 10 މީހުން، ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރު ފެށިއިރުވެސް އުޑުމަތި ބަނައެވެ. ވިއްސާރައެވެ. އެހެނަސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެއަށްވުރެ ބޮޑަށް އެންމެންވެސް ތިބީ މާ ބޮޑަށް ކެތްމަދުވެފައެވެ.
ނޮޅިވަރަންފަރުން، ހަނިމާދުއަށް ދިޔުމަށް އާންމުކޮށް ނަގަނީ އެންމެ 10 މިނެޓެވެ. އެހެނަސް ދަތުރު ފެށިތާ މާ ގިނައިރެއް ނުވެ ލޯންޗް ކޮޅިގަނޑެއްގައި ޖެހިއްޖެއެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ޖަހަމުން އައިސް، އެންމެފަހުން ލޯންޗް ބަނޑުން ޖަހާލައިފިއެވެ. އާއިލާގެ އިންތިޒާރުގައި އޭރުވެސް އީރާގެ ބައްޕަ ހުރީ ވެލާނާ އެއަރޕޯޓުގައެވެ.
އީރާގެ ބައްޕައަށް ލޯންޗް ބަންޑުން ޖަހާލި ހަބަރު ވެގެން ދިޔައީ ލިބުނު ކުއްލި ޝޮކަކަށެވެ. އެހަނަސް ކުރާނީ ކީއް ހެއްޔެވެ؟ އަދު، ތަޤުދީރު ދިމާކުރި ގޮތެވެ. ލޯންޗް ބަނޑުން ޖަހާލައި، ލޯންޗުގައި ތިބި 10 މީހުންވެސް ކަނޑުވީއެވެ.

މި ހަބަރު ލިބުމާއެކު، އެމްއެންޑީއެފް ނޯދާން އޭރިޔާގެ ޓީމުން، ލޯންޗުގައި ތިބި ދަތުރުވެރިން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މަސައްކަތް ވަރަށް ކާމިޔާބެވެ. ކުރި ބުރަ މަސައްކަތުން ލޯންޗުގައި ތިބި 10 މީހުންވެސް ފެނުނެވެ. އެހެނަސް، އޭގެތެރެއިން 5 މީހަކު ވަނީ މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އީރާއާއި، އޭނާގެ މަންމަ އާއި، ކާފަ އަދި މާމައެވެ. ނޮޅިވަރަންފަރު، އަހިވާގޭން ހެވި ދިލިފައި ފުރަން ނިކުތް 4 މީހުންގެ އިތުރުން، ޖެހިގެން ހުރިގޭ އައިޝަތު އަލީވެސް ދުނިޔެއާއި އަލްވަދާޢު ކިޔާ ދިޔައީއެވެ. އެއާއެކު މުޅި ނޮޅިވަރަންފަރަށް، މުޅި ބޮޑު ތިލަދުންމައްޗަށް އަދި މުޅި ރާއްޖެއަށްވެސް ލިބިގެންދިޔައީ ހިތާމައާއި ހިތްދަތިކަމެވެ.
އީރާއާއި، އާއިލާގެ އިންތިޒާރުގައި ހުރި ޝިފާޒަށް ލިބުނީ މޮޅިވެރިކަމާއި، ހިތާމައެވެ. މުޅި ރާއްޖެއަށްވެސް ލިބުނީ ހިތާމައެވެ. ތުއްތު އީރާ މާލެ އަންނަން އުޅުނީ ބައްޕައާއި ބައްދަލު ކޮށްލުމަށެވެ. އިންޝާﷲ ސުވަރުގެއިން އީރާއާއި ބައްޕައާ ދިމާވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!