ހދ. ވައިކަރަދޫއަކީ ޒަމާނުންސުރެއް ދަނޑު ހެއްދުމުގެ މަސައްކަތް ކުރާ ބިން ތަނަވަސް ރަށެކެވެ. ވަރަށް ފަހާ ޖެހެންދެންވެސް މުޅި މާލެއަށްހެން، 1970ގެ އަހަރުތަކާ ޖެހެންދެންވެސް ބިންބި އަދި އެހެން ބާވަތުގެ ކިތަންމެ ގޮވާމެއް ގެންދަނީ ވައިކަރަދޫ އިންނެވެ.

ގޮވާންކުރުމަކީ، ވަކި ޖިންސެއް ވަކި އުމުރެއް ތަފާތެއް ނެތި ރަށުގެ ކުދި ބޮޑު ރައްޔިތުން ވަރަށް ކުރީއްސުރެ ވައިކަރަދޫގައި ދަނޑުވެރިން ކުރަމުން އައި ކަމެކެވެ. ގޮވާން ހެއްދުމަށް ކުރީ ޒަމާނުގައި އެރަށުގެ މީހުން ކައިރި އެހެން ރަށްރަށަށްވެސް ގޮސްފައިވެ އެވެ.

Ad
rt

ވައިކަރަދޫގައި ޢާއްމު ގޮތެއްގައި ބިންބި ބޭނުންކުރަނީ ފޮނި އަދި ކުޅި އެއްޗެހި ހެދުމަށާއި ކެއުމުގެ އެކި ބާވަތްތައް ތައްޔާރު ކުރުމަށެވެ. ބިންބި މާފުށަކީ، ދިވެހިންގެ މެދުގައި މަޤުބޫލު އެއްޗަކަށް ވާއިރު، ބިންބި ބޭނުންކޮށްގެން ދިވެހިން އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރެއެވެ. އަދި ދިވެހިންގެ އެވޭލާ ޒަމާނުއްސުރެ، ތުއްތު ކުދީންނަށް ކާންދިނުމަށް ބިންބިފުށް ބޭނުން ކުރެއެވެ. މިހާރުވެސް ރަށްރަށުގައި އަލަށް ކާންދޭން ފަށާކުދިންނަށް ބިންބި ކާންދެއެވެ.

ބިންބިއަކީ ބޮޑު އަގުގައި ވިކޭ އެއްޗެކެވެ. ބިންބި ފުށަކީ ބާޒާރުގައި ރަނގަޅު ޑިމާންޑެއް އޮންނަ އެއްޗެކެވެ.

ވައިކަރަދޫ: ބިންބި ހެއްދުން. 1990ގެ ފަހު ކޮޅުގެ ބިންބި ދަނޑެއް.
މަޢުލޫމާތު އަދި ފޮޓޯ: މުހައްމަދު ނިޔާޒު

Posted by BinBi on Thursday, January 2, 2020

ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ދަނޑުވެރިކަން ކުރަން ކޮންމެ ގޭބިސީއަކަށް ވެސް 5000 އަކަފޫޓުގެ ބިމެއް ދީފައި އޮވެ އެވެ. ކޯވިޑް19ގެ ރާޅު ރާއްޖެއަށް ބިންދާލުމާއި ގުޅިގެން އިތުރު 2500 އަކަފޫޓުގެ ބިން ދީފައިވެ އެވެ. ބިންބި ދަނޑުތަކާއި ދޮނަޅަ ދަނޑުތައް ރުވާލާ މުޅި މީސްމީޑިޔާ ފުރާލީ އެ ހިސާބުން ފެށިގެންނެވެ. ގޮވާން ކުރުމާއި ގޮވާން ކަނޑައި، ބިންބި ތަޅާ މަންޒަރުތައް އައީ ދޭތެރެދޭތެރެއިން ވައިކަރަދޫ ޒުވާނުންގެ ކެމެރާތަކުން ދައްކާލަމުންނެވެ.

އެގޮތުން "ވައިކަރަދޫގައި ބިންބި ތަޅާ މަންޒަރު" ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއް ހދ. ވައިކަރަދޫ މުނިޔާވިލާ، ޙުސައިން ޒަބީރު މިވަނީ މީސްމީޑީޔާއަށް ދޫކޮށްލާފައެވެ.

ފެންނަ ފެނުމަށް މިއީ ވަރަށް ފަސޭހަކަމެއް. ނަމަވެސް މިއީ ވަރަށް ހުސިޔާރު ވެގެން ނޫނީ ނުކުރެވޭނެ މަސައްކަތެއް. ވިސްނުމާއި، ޙިކުމަތާއި، ހިތްވަރާއި، ފަރިތަކަން މިކަމަށް ބޭނުންވޭ. ކިތަންމެ ބުރަ މަސައްކަތެއް ނަމަވެސް މިއީ ވަރަށް ޖޯޝާ ފޯރީގައި، ބަދަހިކަމާއެކު ކުރެވޭ މަސައްކަތެއް. އަތްމަތި ފަރިތަމާއިއެކު، މާހައުލުގެ އެކޮޅު މިކޮޅުވެސް ބަލަން ޖެހޭ.

ގިނަބަޔެއްގެ ސަމާލުކަން ލިބިފައިވާ މިވީޑިއޯ ހިއްސާކުރަމުން ޒަބީރު ބުނެފައިވެއެވެ.

މި މަންޒަރެއް މިއަދަކު ރާއްޖެއަކުން ނުފެނެ އެވެ. އެކަމަކު މިއީ ވެސް އަހަރެމެންގެ މައިން އުފުލި ބުރައެކެވެ. ވަނުން ބިންބި ތެޅުމަކީ ވޭން ހުރި ބުރަ މަސައްކަތެކެވެ. އެ ވަނާއި މޯލުން ތަޅައިގެން ކެނޑި ބިންބިއާއި ކުދި ބަތަކީ އަހަރެމެން ތުއްތު އިރުގެ ކެއުމެވެ. ފަރިތަކަމާއިއެކު ދެމީހުން ނުވަތަ ތިން މީހުން ބިންބި ތެޅުމަކީ ވަރަށް މަދުން ނޫނީ މިހާރު ރާއްޖެއިން ނުފެންނަ ތަދު މަންޒަރެކެވެ.

ފޮޓޯ އާއި ވީޑިއޯ: ހުސައިން ޒަބީރު