މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ އެންމެ މަގުބޫލު އެއް ލަވައަކީ "ވެހޭ ވާރޭ ތެރޭން"އެވެ. މި ލަވައިގައި ކިޔައިދޭ އެއް ވާހަކައަކީ ވާރޭ ވެހެމުންދިޔަ ވަގުތުގައި ކަނޑޫފާ ކުޅިން ޖެހެމުންދިޔަ ފިނި ވައިރޯޅިން ލިބެމުންދިޔަ އަރާމުގެ ވާހަކައެވެ. ދިވެހިންގެ ސަގާފަތުގައި ކުޅިތައް އެކުލެވިފައިވަނީ މިފަދައިންނެވެ. އަޖައިބުކުރަނިވި އަދި ހިތްފަސޭހަ ގުދުރަތުގެ ހަދިޔާއެއްގެ ގޮތުގައެވެ.

ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހާލުގައި ޖެހުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައެވެ. މުޅި ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުން މަދުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އާންމު ތަދުމަޑުކަމެެއް މުޅި ގައުމުގައި ފެތުރެމުން ދިޔުމެވެ. އެ ހާލަތުގައި ހއ.ކެލާގެ ރައްޔިތުން ދިރިތިބުމަށް ބަރޯސާވީ އެރަށުގައި އޮންނަ ގުދުރަތުގެ ހަދިޔާއަށެވެ. އާދެ، ކުޅިއަށެވެ.

Ad
rt

ޒަމާނަށް އައި ބަދަލުތަކާއި އެކު، ކެލާ ފަދައިން ދިވެހި ރާއްޖޭގެ އެހެނިހެން ރަަށްތައްވެސް ކުޅިއަށް ވަމުންއައި ބަރޯސާ މަދުވިއެވެ. ނަމަވެސް ކުޅިން ނަފާވާނެ ކާނާ ހޯދުން އަލުން އަނބުރާ ގެނައުމަށް ދިވެހި ޖަމްއިއްޔާއަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައިލެންޑް ޑިވެލޮޕްމެންޓް އެންޑް އެންވަޔަމެންޓަލް އެވެއާނެސް ސޮސައިޓީ ނުވަތަ އައިޑިއާސް އަދި ޔޫއެންޑީޕީ މޯލްޑިވްސްއިން ދަނީ ހއ.ކެލާގެ ކަނޑޫފަލުން ނަފާ ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށްދޭ ވީޑިޔޯއެއް ދާދިފަހުން ފޭސްބުކްގައި ވަނީ އާންމުކޮށްފައެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުގައި އައިޑިއާސް އިން ކަނޑޫ ގަތުމުގެ ކުރިން އެރަށު މީހުން ގިނަ އަދަދަަކަށް ކަނޑޫ ނެގުމަކީ ފަހަކަށް އައިސް ކޮށްއުޅުނު ކަމެއް ނޫނެވެ. މީގެ ކުރިން ދޭތެރެއިން ގޭގެއިން ކަނޑޫފަލުން ކަނޑޫ ބިނދެގެން ކާލައިގެން އުޅުނަސް އެކަން މިވަނީ މިއަދު ބަދަލުވެފައެވެ.

ކެލާގެ ކަނޑޫފާގެ ތެރެއިން - ފޮޓޯ: އަލީ ނާޒިމް

މި ވީޑިޔޯގައި ކަނޑޫ ވިއްކުމުގެ ކުރިން އެ ތައްޔާރު ކުރާގޮތް ވެސް ވަނީ ދައްކުވައިދީފައެވެ. އެގޮތުން ކަނޑޫ ހޮވައި، ލިޔުމަށްފަހު ހަތަރު ފަސް ފަހަރު ފެނު ކައްކައިގެން ނޫނީ އޭގައިވާ ހިތިކަމެއް ނުފިލައެވެ. އެއަށްފަހު ފެން ހިއްކައި، މުރަނަ ވަންދެން އަވީގައި ބެހެއްޓުމުން ކަނޑޫ އެހުރީ ތައްޔާރުވެފައެވެ. އެ ވީޑިޔޯގައި ބުނާގޮތުގައި ހޫނުކަން ލިބޭ ގޮތަށް ކަނޑޫ ހުރެއްޖެނަމަ ހަލާކުނުވެ ހައެއްކަ އަހަރުވެސް ހުރެދާނެއެެވެ.

މިފަދަ މަސައްކަތްތަކަކީ މިއަދުގެ ޒުވާން ޖީލު އެހާ ގަޔާވާ ކަމަކަށް ނުވިނަމަވެސް، ހާލުގައި ޖެހޭފަދަ ހާަލަތެއް ދިމާވެއްޖެނަމަ ހައިހޫނުކަން ފިލުވެން އޮތީ ކަނޑުލުގެ އެހީގައެވެ. ދުނިޔެ ބަދަލުވަމުންދާއިރު، އެ ބަދަލުތަކުގެ ނޭދެވޭ އަސަރުތަަކަށްވެސް ތައްޔާރުވާން ޖެހެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.