އަތޮޅުތަކަށް ހާއްސަ ކޮށްގެން ޖަޕާނު ސަރުކާރުން 24 އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.

އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ބޭނުންވާ 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފައި ވެއެވެ. މީގެ ތެރޭގައި އޮޕަރޭޝަން ކުރުމަށް ބޭނުންވާ މެޝިނަރީވެސް ވަނީ ހަދިޔާކޮށްފަ އެވެ. މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ރާއްޖޭގެ ފަރާތުން ޖަޕާނުން ހަދިޔާކުރި ތަކެއްޗާ ހަވާލުވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

Ad
rt

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ރާއްޖެއިން ސިއްހީ ނިޒާމުގައި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީ ހޯދާފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޖަޕާނުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ދީފައިވާ ތަކެތީގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާނެ ކަމަށާއި ޖަޕާނުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

ސްޓެލްކޯގައި ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، އައިޖީއެމްޗުގެ އިސް ބޭފުޅުންގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ރާއްޖޭގައި ހުންނަ ޖަޕާނާއި އިންޑިއާ އެމްބަސީގައި މަސައްކަތް ކުރާ ޑިޕްލޮމޭޓުން ބައިވެރިވެފައިވެ އެވެ.