ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ.
ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އަތޮޅުވެރިކަން ކުރާ ރަށަކީ ދިއްދޫ ކަމަށް ހަމަޖެހުމާ ގުޅިގެން އެ ތާރީޚުން ފެށިގެން، ޙަކީމްބެ ރިޓާޔަރ ކުރައްވައި ސަރުކާރުން ވަކިވެވަޑައިގަންނަވަންދެން ވަޒީފާ އަދާކުރައްވަމުން ގެންދެވީ ތިލަދުންމަތީ އުތުބުރީ އަތޮޅު އޮފީހުގައެވެ. ޙަކީމްބެ ވަނީ 50 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ޚިދްމަތް ކުރައްވާފައެވެ.

ހަކީމްބެ ފުރުއްވި މަޤާމްތަކުގެ ތެރޭގައި، ތިލަދުންމަތީ އަތޮޅު އޮފީހުގެ ކާތިބުކަމާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހުގެ ކާތިބުކަމާއި، ސެކްރެޓަރީކަމާއި، ހއ.އަތޮޅުވެރިޔާގެ އެހީތެރިކަމާއި، ހއ.އަތޮޅުވެރިޔާގެ އިސްއެހީތެރިކަން ހިމެނެއެވެ. ސަރުކާރުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމުގެ މަޤާމުގައެވެ.
ޙަކީމްބެއަކީ، ވެރިން އަންގަވާގޮތަށް ވަރަށް ފުރިހަމައަށް މަސައްކަތް ކުރެއްވި ވަރަށް ހީވާގި ބޭފުޅެކެވެ. ރޭވުންތެރިކަމާއެކު ނުހަނު ތަރުތީބުން ކަންކަން ގެންދެވި ބޭފުޅެކެވެ. ޒުވާނުންނަށް ހުރި ރިވެތި ނަމޫނާއެކެވެ. މުވައްޒަފުންނާގުޅޭ ސަކަ މިޒާޖެއްގެ ބޭފުޅެއް ވެސް މެއެވެ. ހއ.އަތޮޅު ރަށްރަށުގެ ވެރިންނާ އަދި ރަށްރަށުގެ އެނޫން ބޭފުޅުންނާ ވެސް ވަރަށް ގާތް ރަޙްމަތްތެރިކަމެއް ބޭއްވެވި ހިތްހެޔޮ މަދަދުގާރެކެވެ. ނަތީޖާއެއްގެ ގޮތުން އަތޮޅު ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ޙަކީމްބެއަށް ވަނީ ލިބިވަޑައިގެންފައެވެ. އަތޮޅު ތެރެއިން ދިއްދުއަށް ވަޑައިގަންނަވާ ރަށްރަށުގެ ވެރިންނާއި އެކި ގިންތީގެ ބޭފުޅުން ޙަކީމްބޭ ގެއަށް ޒިޔާރަތް ކުރެއްވުމަކީ އޮންނަ ކަމެކެވެ. އެ ގެއިން ލިބޭ ފުރިހަމަ މެހްމާންދާރީއަކީ އެންމެން ވެސް ފާހަގަކުރާ ކަމެކެވެ. ގޭގެ " އޮޅިގަނޑު" ކަމުގައިވާ ޙަކީމްބޭގެ އަނބިކަނބަލުން ޙައްވަދައްތަ ވެސް ހަމަ ރަނގަޅީއެވެ.

ހަކީމްބެއަކީ މަޝްހޫރު ހިސާބު ޢިލްމުވެރިޔާ އިސްމާޢީލްކަލޭފާނު ތުއްތު (ތުއްތު ސާހިބު)ގެ އަރިހުން ހިސާބު ޢިލްމު އުނގެނިވަޑައިގެން ހުންނެވި، ހިސާބު ޢިލްމަށް މޮޅު ބޭފުޅެކެވެ. ކިޔަވައިވިދާޅުވާން ޙަކީމްބެ މާލޭގައި ހުންނެވީ ވެސް އިސްމާއީލްކަލޭފާނު ތުއްތުގެ ގޭގައެވެ. މ.ހުދުޢަޞުރުމާގޭގައެވެ.
ޙަކީމްބެއަކީ ހއ.ދިއްދޫ ޢުޘްމާނު މާލިމީ (ބޮޑު މާލިމީ) ގެ ތިއްބެވި ދެ ފިރިހެން ދަރިކަލުންގެ ތެރެއިން ހަގު ފިރިހެން ދަރިކަލުންނެވެ. ދޮށްޓަށް ހުންނެވީ އަލްމަރުޙޫމް ޢަލިފުޅު މާލިމީ (މާލިމްބެ) އެވެ. ޢުޘްމާނު މާލިމީގެ ދެ ދަރިކަލުން މާލޭގައި ތަޢުލީމް ޙާޞިލްކުރައްވަން ބެހެއްޓެވީ އެއިރު ރާއްޖޭގައި ތިއްބެވި މަޝްހޫރު ދެ ޢިލްމުވެރިއެއްގެ އަރިހުގައެވެ. ޢަލިފުޅުބޭ ތަޢުލީމް ޙާޞިލްކުރައްވަމުން ގެންދެވީ ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އަރިހުންނެވެ. ޙަކީމްބެ ތަޢުލީމް ޙާޞިލްކުރައްވަމުން ގެންދެވީ އިސްމާޢީލްކަލޭފާނު ތުއްތުގެ އަރިހުންނެވެ. ޙަކީމްބެ ކިޔަވާވިދާޅުވެ ނިމިގެން، ކުޑަ ދުވަސްކޮޅަކު ސަރުކާރުގެ މާލިމީންގެ ތެރޭގައި މަސައްކަތްކުރެއްވިއެވެ. އޭގެފަހުން ހަކީމްބެގެ މާލިމީ ކަމުގައި ހއ.ދިއްދޫ ދާންނާ ބައްތެލީގައި އިންޑިޔާއަށް ދަތުރެއް ކުރެއްވިއެވެ.

ޙަކީމްބެއަކީ ޢިލްމު ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ޢިލްމުވެރިެކެވެ. ޙަކީމްބެގެ އަރިހުން ޙިސާބު ޢިލްމު އުނގެނުނު ދަރިވަރުން ވަރަށް ގިނައެވެ. ހއ. އަތޮޅުގެ އިސް މަޤާމުތަކުގައާއި ރަށްރަށުގެ ވެރިކަމާއި ޤާޟީކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ޙަކީމްބެގެ ދަރިވަރުން ހިމެނެއެވެ. އަދި އަތޮޅު މަދްރަސާއެއްގެ ގޮތުގައި ހއ. ދިއްދޫ މަދަރުސަތުލް ޣާޒީ މުޙައްމަދު ހިނގަމުން އައި ކުލަގަދަ ދުވަސްވަރުގައާއި އަދި އޭގެ ފަހުން ވެސް ޙަކީމްބެ ވަނީ އެ މަދަރުސާގައި ކިޔަވައިދެއްވާފައެވެ.
މީގެ އިތުރަށް ޙަކީމްބެގެ ގޭގައި ވެސް ކުދިންނަށް ކިޔަވައި ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ. މި ރޮނގުން ޙަކީމްބެ ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އުފެދިގެން އައި، އެދުވަސްވަރުގެ ދަރިވަރުންނަކީ ސަރުކާރުގެ އޮފީސްތަކުގައި ކުރެވޭ ހިސާބާގުޅޭ މަސައްކަތްތަކުގައި ފާހަގަކުރެވޭ މުވައްޒަފުންނަށް ވަނީ ވެފައެވެ. ރަށްރަށުގެ މިސްކިތްތައް ޤިބުލަކުރުން ފަދަ މަސައްކަތްތައް ވެސް ޙަކީމްބެ ވަނީ ކުރައްވާފައެވެ.

ޙަކީމްބެ މޮޅީ ހަމައެކަނި ހިސާބު ޢިލްމަކަށް ނޫނެވެ. ޢަރަބި ތާނަ ވެސް ވަރަށް ރީތިކޮށް ލިޔުއްވައެވެ. ޢުމުރުގެ އެންމެ ފަހުކޮޅާ ހަމައަށް ވެސް ލިޔުމުގެ ރީތިކަމަށް ބަދަލެއް އަޔަނުދީ އެގޮތުގައި ދެމެހެއްޓެވިއެވެ. މިއީ މަދު މީހަކަށް ނޫނީ ނުކުރެވޭ ކަމެކެވެ.

ޙަކީމްބެ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ސެޕްޓެމްބަރ 1931 ގައެވެ. ފާހަގަ ކުރެވޭ ކުލަގަދަ ޙަޔާތަކަށްފަހު ޢުމުރުފުޅުން 79 އަހަރުގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 19 ސެޕްޓެމްބަރ 2010 ގައެވެ. ފަސްދާނުލެވިފައި ވަނީ ހއ.ދިއްދޫ ގަބުރުސްތާނުގައެވެ.
ޙަކީމްބެ، މި ފަނާވަނިވި ދުނިޔެ ދޫކުރެއްވިރު އަނބިކަނބަލަކާއި 8 ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. މީގެއިތުރަށް ޙަކީމްބެގެ ކާފަދަރިންނާއި މުނިކާފަ ދަރިން ވެސް ތިއްބެވިއެވެ. ޙަކީމްބެގެ އުފަން ދަރިންނާއި ކާފަދަރިންނަކީ ވެސް ޙަކީމްބޭ ފަދައިން ފާހަގަ ކޮށްލެވޭ ޚިދްމަތްތެރި ޢިލްމީ ދަރީންތަކެކެވެ.
މާތް ﷲ، ޙަކީމްބެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!