މިދިޔަ އަންގާރަ ދުވަހު ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ގަރާރަކީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރަކީ ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން އަދިވެސް ހަމަޖެހިފައި ނުވާތީ އެ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.
ބޯހިޔާވަހިކަމާ ގުޅޭ ބިލެއް ސަރުކާރުން އެކުލަވާލައި އެ ބިލު ފާސްކޮށް ވެށިފަހި މާލެ މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭން ޖެހޭ ކަމަށް މި ގަރާރުގައިވެއެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ އެންމެހައި ސިޔާސަތުތަކާއި، ތަންފީޒީ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިދިނުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާވަހިކަމުގެ ޙައްޤު، ޤާނޫނުން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަމާގުޅޭ ބިލެއް އެކުލަވާލައި، އެ ބިލުގައި އަންނަނިވި ކަންކަމާގުޅޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި، މާލޭގެ ރައްޔިތުންގެ ތެރެއިން އެފަރާތްތަކުގެ މިލްކިއްޔާތުގައި ހުރި ބިންތައް ދޫކޮށްލަންޖެހިފައިވާ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ޤާނޫނަކުން ފަހިކޮށްދިނުމަށް ފެންނަކަމަށާއި ތިރީގައި ބަޔާންކޮށްފައިވާ ފަސްނުކުތާގެ މައްޗަށް ރިޢާޔަތްކޮށް ޝަރީފް ހުށައެޅި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ގަރާރުގައި ކެލާ ދާއިރާގެ މެންބަރު އެދިފައި ވަނީ:
1- ބޯހިޔާވަހިކަމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅުން އަވަސްކޮށްދެއްވުމަށް
2- މާލޭގެ ރަށްވެއްސަކަށްވެ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް އެ ބިލުގައި ކަނޑައެޅުން
3- ދިރިއުޅެވޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭނެ ވަރުގެ ދަތި ބިންކޮޅުތަކުގައިއާއި ކުދި ފްލެޓުތަކުގައި އުޅޭ ފަރާތްތަކަށް ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ނުވަތަ ތިލަފުށިން އެކަށީގެންވާ ވަރުގެ ފްލެޓު ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުތައް އެ ބިލުގައި ކަނޑައެޅުން
4- ވެށިފަހި މާލެ ޕްރޮގްރާމު ހިންގާނެ އުސޫލެއް ބިލުގައި ކަނޑައެޅުން
5- ދައުލަތަކަށް މާލެއިން ބިމެއް ދޫކޮށްލުމުން ބަދަލުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ގްރޭޓާ މާލޭ ސަރަހައްދުން ލިބޭނެ ގޮތް ބިލުގައި ކަނޑައެޅުން
މީގެ އިތުރުން ބިލްގައި ޝަރީފް އިތުރަށް ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ އަދި އިޖްތިމާޢީ ޙައްޤެއްކަމާއި، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެ ޙައްޤު ރައްޔިތުންނަށް ހޯދޭނެ މަގު ފަހިކޮށްދިނުމަކީ ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ހާމަވާކަމަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް ކޮންމެ ދިވެހިރައްޔިތަކަށްމެ ކަށަވަރުކޮށްދީ، އެ މީހަކު އުފަން ރަށަށް ނުވަތަ އެނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ އެ ޙައްޤުތައް ލިބިދޭންޖެހޭނެކަމަށް އެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާކޮށްފައިވާކަމަށާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިދީފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ މީހުން ތޮއްޖެހިފައިވާ ތަނަކަށްވާތީ، އެކަމުގެ ސަބަބުން މާލޭގައި ބިންކޮޅެއް އޮވެ އެ ބިންކޮޅު ކުޑަވުމުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތި ބޯހިޔާވަހިކަމުގެ ޙައްޤުން މާލޭގެ ގިނަ ރައްޔިތުންތަކެއް މަޙުރޫމްވެފައިވާކަމަށާއި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން އެ ފަރާތްތަކަށް އަމާޒުކޮށްގެން "ވެށިފަހި މާލެ" ޕްރޮގްރާމުގެ ނަމުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ހިންގާފައިވީނަމަވެސް، އެ ފަރާތްތަކުގެ މިލްކިއްޔާތުގައި މާލޭގައި ހުރި ކުދި ބިންކޮޅުތައް އެ ޕްރޮގްރާމުގެ ދަށުން ދޫކޮށްލަންޖެހި، އެފަދައިން ބިން ދޫކޮށްލާފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާކަމަށާއި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު އެންމެހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރިޔާސީ އިންތިޚާބު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަޢުދެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މި ގަރާރަށް ބަހުސް ކުރުމަށް މިއަދު (އާދީއްތަ ދުވަހު) އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!