ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ގެދޮރު ނެތް މީހުންނަށާއި އަލަށް ކައިވެނި ކުރާ މީހުންނަށް ގޯތި ދެވޭ ވަރުގެ ރަށްރަށުން ގޯތި ދޫނުކޮށް އޮތުމުން މީހުން ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ ބިކަވަމުންދާ ކަމަށެވެ. އޭނާ ހުށަހެޅުއްވި ގަރާރަކީ އެކަން ސަރުކަރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

މި ގަރާރުގައި ބުނެފައި ވަނީ ގޯތިދެވޭ ވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ މީހުންނަށް ގޯތި ދޫކުރުން ލާޒިމް ކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި ދިވެހިންނަށް ހައްގުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

Ad
rt

ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރެކެވެ.

"މިއީ، ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ޙައްޤުން މަޙުރޫމުވެ، އެކަމުގެ ސަބަބުން ގިނަ ޢާއިލާތަކެއް ބިކަވެ، ޙާލުގައި ޖެހެމުންދާތީ، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭފެންނާތީ، ހުށަހަޅާ ޤަރާރެއް" ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅުއްވި ގަރާރުގައިވެއެވެ.

ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވާ އަސާސީ އަދި އިޖްތިމާޢީ ޙައްޤެއްކަމަށާއި އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނެ މަގުފަހިކޮށްދީ ޢާއިލާތަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ ޤާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއްކަން އެ ޤާނޫނުއަސާސީން އެނގޭކަމަށާއި އަދި ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ޙަޔާތް ފަށާ، ދިރިއުޅުމަށް ނިކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވާކަމަށާއި އެފަދަ ފަރާތްތަކަށް ގޯތިގެދޮރުގެ ތަނަވަސްކަން ފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން ގޯތިދެވޭވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ ފަރާތްތަކަށް ގޯތިދޫކުރުން ލާޒިމުކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި، ދިވެހި ރައްޔިތުންނަށް ޙައްޤުވެގެންވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭންޖެހޭކަމަށް ފެންނަކަމަށާއި މިކަމަކީ ވަރަށް ގިނަ ދިވެހިރައްޔިތުންތަކަކަށް ދިމާވެފައިވާ މައްސަލައަކަށްވެފައި، ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ޙައްލެއް ހޯދައިދެއްވުމަށް އެދޭކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅުއްވި ގަރާރުގަ ބަޔާންކޮށްފައި ވެއެވެ.

މި ގަރާރަށް ބަހުސް ކުރުމަށް މިއަދު (އާދީއްތަ ދުވަހު) އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.