ދިރިއުޅުން އެއްތަނުން އަނެއްތަނަށް ބަދަލުކުރާ ފަރާތްތަކަށް މާލެއާއި ރަށްރަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަޤްޞަދުގައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވައިފިއެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވީ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައިވެސް ގަރާރެކެވެ. މި ގަރާރު އޭނާ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

Ad
rt

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ އަސާސީ ޙައްޤެއްކަމަށާއި އަދި އެފަދައިން ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ޚިދުމަތްތަކާއި އިމްތިޔާޒުތައް ހަމަހަމަކާއެކު ލިބިގެންވާކަމަށް ހަމަ އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި އަދި މުޅި ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމާއި، އެކަމާ ގުޅުން ހުރި އެކި އުދާސްތައް ގިނަވެ، އަތޮޅުތައް ތަރައްޤީކުރުމުގައި ވޭތުވެދިޔަ ސަރުކާރުތަކުން ގެންގުޅެފައިވާ އުސޫލުތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ނުލިބިވާކަމަށާއި އެކި ކަންކަމުގައި މާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން މާލެ ތޮއްޖެހި، ގެދޮރުގެ ޖާގަ ދަތިވެ، ކުލި އިންތިހާއަށް ބޮޑުވެ، ޢާއިލާތައް ދިރިއުޅުމަށް އެކަށީގެންނުވާވަރުގެ ކުދިކުދި ޖާގަތަކުގައި މީހުން ދިރިއުޅުން އިތުރުވެފައި ވާކަމަށް ސަލީމްގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މިގަރާރުގައި ހަތަރުކަމަކަށް ގޮވާލާފައިވެއެވެ.

އެއީ:

  • ހައުސިން ނީޑްސް އަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އަވަސްކުރުން
  • ބިން ދަތިވެ، ބިން ހިއްކޭނެ ފަޅު ވެސް ނެތް ރަށްރަށުގައި، އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއިި ގުޅުވާލައި ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނެ އުސޫލުތައް ކަނޑައެޅުން
  • ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ ދިިރިނޫޅެވޭ ވަރުގެ ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުން
  • މާލެ އާއި އެހެން ރަށްރަށާ ތަފާތު ކުރުމެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ލުއި ލޯނު ލިބޭނެގޮތް ފަހިކޮށްދިނުން

ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ އެތައް ފަރާތްތަކަކަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތްކަމަށާއި މިކަމަށް ވީހާވެސް އަވަސް މުއްދަތެއްގައި ޙައްލު ހޯދައިދިނުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެ، އެކަމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އަދި ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ މައި ވަޢުދުކަށްވާކަން ފާހަގަކޮށްފައިވެއެވެ.

މި ގަރާރަށް ބަހުސް ކުރުމަށް މިއަދު (އާދީއްތަ ދުވަހު) އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.