ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅުން މާލެއަށް މިފަހަރު މިކުރީ އަދައިގެ ދަތުރެއް ނޫނެވެ. މޯލްޑިވިއަން ފްލައިޓެއްގައި ދަތުރުކުރީ ވެލާއެކެވެ. ޒަހަމްވެފައިވާ އޮތް ވެލައެއް ފަރުވާއަށް ކުރި ދަތުރެވެ. މި ދަތުރަށް މުޅި ސޯޝަލް މީޑިއާގައި ވަނީ ސަމާލުކަން ދަމައިގެންފަ އެވެ.
މިއީ ހެޔޮ ނިޔަތުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތެކެވެ. މުޅި ރާއްޖެއަށް ކީއްކުރަން މުޅި ދުނިޔެއަށް ވެސް ދިން ވަރުގަދަ މެސެޖެކެވެ.
ހދ. ގެ އެއާޕޯޓް އޮންނަ، ގުދުރަތީ ގޮތުން ރީތި އަދި ބޮޑު ބީޗެއް އޮންނަ ހަނިމާދޫ ކައިރިން އޮޔާ ދަނިކޮށް ފެނުނު ވެލާ އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ވެލާގެ ވާތު ފައެއް ނެތެވެ. ބެލެވޭ ގޮތުގައި އެ ވެލާއަށް އަނިޔާވެފައިވަނީ ދޯންޏެއްގެ ބުރަފަތީގައި ޖެހިގެންނެވެ.
ހާލުގައި ޖެހިފައި އޮތް މި ވެލާ ފެނުނީ ހދ. ކުޅުއްފުއްޓަށް އުފަން ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ އެކްޓިވިސްޓް، އަބްދުﷲ އާދަމް (އެޑަމް)އަށެވެ. އިއްޔެ ހެނދުނު ދިހައެއް ޖަހާއިރު އޭނާއަށް ވެލާ ފެނުމާއެކު އެއް ގަމަށް ގެނެސް އޭގެ މައުލޫމާތު އިންޑިޔާ ކަނޑުގައި އުޅޭ ވެލާތަކާއި އެތަކެތީގެ މާހަލުގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލޭ ޕްރަޖެކްޓްގެ ފަރާތްތަކާ ހިއްސާކުރި އެވެ. އެ މައުލޫމާތު ދިނުމާއެކު ލަހެއް ފަހެއް ނެތި އެއަށް ފަރުވާ ދޭނެ ތަނަކަށް ގެންދިއުމުގެ އިދާރީ ކަންކަން އޮލިވް ރިޑްލޭ ޕްރަޖެކްޓްގެ ފަރާތުން ޖެކީ ފެށިއެވެ.

އެޑަމް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ސީޕްލޭނެއްގައި ވެލާ ގެނެވޭތޯ އެވެ. ނަމަވެސް އެ ސަރަހައްދަށް އާންމުކޮށް ސީޕްލޭން ނުޖައްސާތީ، އެންމެ ރަނގަޅު ގޮތަކީ މަތިންދާ ބޯޓުން ގެންދިއުން ކަމަށް ފެންނާތީ، އެކަން ފެށިއެވެ.
އެގޮތުން، ހަނިމާދޫއަށް ފްލައިޓް އޮޕަރޭޓް ކުރަމުން އަންނަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އޮފިސަރު މޫސާ ވަސީމްއަށް މިކަމުގެ މައުލޫމާތުދީ އެހީއަށް އެޑަމް އެދުނެވެ. މޫސާ ވަސީމް ފްލައިޓް ޝެޑިއުލް ބެލުމަށްފަހު އެންމެ ފުރަތަމަ ހަނިމާދޫއަށް ޖައްސާ ފްލައިޓުން ވެލާ ގެންދެވޭނެ ގޮތް ހަމަޖެއްސައިދިނެވެ. މޯލްޑިވިއަންއަށް ޝުކުރިއްޔާ އެވެ!
އޭރު، އެ ރަށަށް ޒިޔާރަތްކޮށްގެން އުޅޭ މެކްސްވެލް ސްކޫލުގެ ދެ މީހެއް ކަމަށްވާ ރޯޖާ އާއި އެރިކާ ވަނީ މި ވެލާގެ އެއްތަނުން އަނެއްތަނަށް އުފުލަން ދެން ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ބަލާފައެވެ.

މި ހަތަރު ގަޑިއިރަށް ފަހުގައި ވެލާ އޮތީ، ހަނިމާދޫގެ ބެއާފުޓް ހޮޓެލްގެ ކޮންސާވޭޝަން ސެންޓަރުގައެވެ. މެންދުރުން އަނބުރާން އުޅެނިކޮށް މާލެ ފޮނުވާލި ވެލާ، ހަވީރު 17:20 ގައި ވަނީ މާލެ ގެންދެވި ފަރުވާ ދޭން ފަށާފައެެވެ.
އެޑަމް ބުނި ގޮތުގައި އެ ވެލާއަށް ވަނީ ނަމެއް ވެސް ދީފަ އެވެ. ”އެރިކާ“ އެވެ. ”އެރިކާ“އަށް ވީހާވެސް އަވަހަކަށް ޝިފާ ލިބުމަކީ އޭނާގެ ދުއާ އެވެ. އަދި އޭނާގެ އުންމީދަކީ މިހެން ފެންނަ ވެލާ ފަދަ ތަކެއްޗަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް ގިނަ ބަޔަކު މަސައްކަތް ކުރުމެވެ.
އެޑަމް މި ވާހަކަތައް ވަނީ ޓްވިޓާ ތްރެޑަކުން ހާމަކޮށްފަ އެވެ. އެ ތްރެޑް އެތައް ބަޔަކު ރީޓްވީޓްކޮށް އެޑަމްއަށް ތައުރީފާއި ޝުކުރު ދަނީ އަދާކުރަމުންނެވެ. އެ ތްރެޑް ނިންމާލަމުން އެޑަމް ބުނީ އަނިޔާވެ، ގެއްލުންވެފައިވާ ވެލާތަކަށް ފަރުވާދީ އަލުން ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވެލާއަކީ ދުނިޔޭގައި ނެތެމުންދާ ޖަނަވާރުންގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ރާއްޖޭގައި ވެލާގެ ނެގުމާއި އޭގެ މަސްކެއުމަކީ މަނާ ކަމެކެވެ. ނަމަވެސް މަދުން ނަމަވެސް ވެލާ ހިފައި، ވެލާ މަސް ކެއުމުގެ މައްސަލަތައް ފެންމަތިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!