އަންހެން ދެ ފަނޑިޔާރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓުގައި ބައިވެރި ނުވާނެކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މޮސްޓާ މިގޮތަށް މި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނަން ފޮނުއްވުމާ ގުޅިގެން ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށެވެ.

Ad
rt

ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވާ ރައުޔުއެއް ވެސް މިއަދު ވަނީ އާންމުވެފަ އެވެ

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުންނެރެފައިވާ ރައުޔުގެ ފޮޓޯއެއް ޓްވީޓްކޮށް މޮސްޓާ ވިދާޅުވީ، "މިހެން މިކަން އޮތް ނަމަ އަންހެނަކު ފަނޑިޔާރުކަން ދިނުމާއި އެއްކޮޅަށް ނެގޭ ވޯޓުގައި ބައިވެރި ނުވާނަން" ކަމަށެވެ. އަދި މިކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް މޮސްޓާ ވަނީ ގޮވާލާފައެވެ.

މިހެން ކަންތައް ދާކަމަށް ވާނަމަ، ދުވަސް ކޮޅަކުން ދީނީ ޢިލްމު ކިޔަވައިގެން ތިބި މޮޅެތި އަންހެނުން ހުކުރު ކުރުމުގެ ހުއްދައަކަށް ފޮނުވާކަށް ފަހެއް ނުޖެހޭނެ ކަމަށް ވެސް މޮސްޓާ ވަނީ ޓްވީޓް ކޮށްފައެވެ.

މޮސްޓާވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި މީގެ އިތުރުން ދީނީ ޢިލްމުވެރިން މިކަމުގައި ޙައްޤުބަސް ބުނުމަށްވެސް މޮސްޓާ ވަނީ ގޮވާލާފައެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނިންމީ އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ. ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.

ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ދެ ނަންފުޅު ބަލައިގަނެ އިތުރު ބޭފުޅުންނަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހުޅުވާލާފައެވެ.