އަމީރު އަމީން ސްކޫލް ދަރިވަރުންގެ 5 މަހުގެ ފީ އެއްފަހަރާ ދައްކަން އެންގުމުން ކުޅުދުއްފުށީ ކައުންސިލް އަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.
އަމީރު އަމީން ސްކޫލުން މިއަދު ބެލެނިވެރިންގެ ސަމާލުކަމަށް ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާއާ ގުޅިގެން ސްކޫލްގެ ކިޔެވުން މެދުކަނޑާލައި ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ ސުކޫލް ދަރިވަރުންގެ ފީ ބަލައިގަތުން ވެސް ވަނީ މާރިޗު 2020 އިން ފެށިގެން މެދުކަނޑާ ލެވިފައިކަމަށެވެ.
މި ދެންނެވުމުގައި ބުނެފައިވަނީ ސުކޫލްގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށްޓަކައި ދަރިވަރުންގެ އަތުން ނަގާ ފީއަކީ ސުކޫލަށް ނުހަނު މުހިންމު އެއްޗެއްކަމަށާއި ދަރިވަރުންގެ މަހު ފީއާއި ނުލައި ސުކޫލްގެ ހިންގުން ފަރުޖެއްސުމަކީ ނުވާނެކަމެއްކަމަށެވެ.
އެހެންކަމުން 05 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ދަރިވަރުންގެ ފީ ބަލައިގަތުން އަލުން ފެށުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ފީ ދައްކަވާއިރު ފީ ބަލައިގަތުން މެދުކަނޑާ ލާފައިވާ މަސްތަކަށް ފީ ދެކުމަށް ބެލެނިވެރިންގެ އަރިހުން ވަރަށް އިޙްލާސްތެރިކަމާއެކު އެދެމެވެ.
އަމީރު އަމީން ސްކޫލުން ނެރުނު ދެންނެވުމެއްގައި ބުނެފައިވެއެވެ.
ފީ ބަލައިގަތުން ކުރިޔަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހައްގެ ހެނދުނު 8:30 އިން މެންދުރު 12:00ގެ ނިޔަލަށް ސްކޫލް އޮފީހުންކަމަށާއި ފީ ދެއްކުން މެދުކަނޑާލެވިފައިވާ މަސްތަކަށް ފީ ދައްކާވާއިރު ޖޫރިމަނާ ދައްކަން ނުޖެހޭނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވާފައިވެއެވެ. 23 ޖުލައި 2020ގެ ނިޔަލަށް މިހާތަނަށް ނުދެއްކިވާ ފީ ދައްކައި ހަލާސްކުރުމަށް ބެލެނިވެރިންގެ ކިބައިން އެދިފައިވެއެވެ.
އެ ދަރިވަރުންގެ ސްކޫލް ފީއަކީ ދަރިވަރަކަށް ކޮންމެ މަހަކަށް 350ރ (ތިންސަތޭކަ ފަންސާސް ރުފިޔާ) އެވެ. މިކަމާއި މެދު ބެލެނިވެރިންގެ ކަންބޮޑުވުމަކީ މިހާ ދަތި ދުވަސް ވަރެއްގައި 5 މަހުގެ ފީ އެއްފަހަރާ ދައްކާނަމަ ބެލެނިވެރިއަކު -/1750 ރުފިޔާ ދައްކަން ޖެހުމެވެ. އެއްދަރިވަރަކަށް ވުރެ ގިނަ ދަރިވަރުން އުޅޭ އާއިލާތަކަށް މިއީ ވަރަށް ބޮޑު ތަކުލީފަކަށް ވެގެން ދާނެކަމަށް އެފަރާތް ތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ރިލްވާން މުޙައްމަދު ބުނެފައިވަނީ މީ އެއްގޮތަކަވެސް ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށާއި މީ ކުޅުދުއްފުށި ކައުންސިލްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަންކަންކަމަށެވެ.
މިކަންކަން ފޫބައްދަން ވާނީ ރައްޔިތު މީހާ އިންދަ ޖައްސަފަކާނޫން، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން އަށް ގޮވާލަން މިހާރުން މިހާރަށް މި ނިންމުން ބަދަލުކޮށް ރައްޔިތުގެ ކިބައިން މާފަށް އެދުމަށް، މީ ސަރުކާރުގެ ނިންމުމެއް ނޫންކަން ކުޅުދުއްފުށި ރައްޔިތުން ނަށް ވަރަށް ސާފުކޮށް އެނގޭ
ރިލްވާން މުޙައްމަދު އޭނާގެ ފޭސްބުކްގައި ބުނެފައިވެއެވެ.
އިތުރު ބެލެނިވެރިއަކު ބުނެފައިވަނީ ކައުންސިލްގެ ދަށުން ހިންގާ ތަނެއް ރައްޔިތުނަށް އެއްވެސް ލުޔެއް ނުދެވުނުކަމަށާއި ބޮޑެތި ވިޔަފާރި ވެރިން ކުއްޔަށް ނަގައިގެން އުޅޭ އަތޮޅު ރަށްވެހިގެ ތަންތަނަށް ލުއި ދެވުން އިރު މި ފީ އަށް އެއްވެސް ލުޔެއް ނުދެވުމަކީ ވަރަށް ހިތާމަ ހުރިކަމެއްކަމަށެވެ.
ކުދިން ގެ ބައްޕަ ވަޒީފާ އިން ކަންޑާލާފަ، ގިނަ ވާނީ އެންމެ ކުއްޖެ ގެންގުޅޭ މީހުންނެއް ނޫން. އެއް ފަހަރާ ތި ތަނަށް ތި ހުރިހާ ރުފިޔާ އެއް ދަކަން ޖެހުން ރައްޔިތުން ނިކަމެތިކުރަން އުޅޭ ބަޔެއް
ބެލެނިވެރިއަކު ބުނެފައިވެއެވެ.
މީގެ އިތުރުން ބެލެނި ވެރިން ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ކުލި އެއްއަހަރަށް މާފުކޮށް ދީފައިވާއިރު މިފަދަ ލުޔެއް ރައްޔިތުންނަށް ދެވެންޖެހޭނެކަމަށާއި ދަރިވަރުން ކިޔަވަން ދިޔަ މަސްމަހާއި ކިޔަވަން ނުދާ މަސްމަހާއި ހަމަ ހަމަ ވުމުންވެސް ވަނީ ބޭއިންސާފެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ބަޔެއް ސުކޫލުތަކުގައި މިމުއްދަތުގައި ޓީޗަރުންނަށް މުސާރަދިނުމަށް ބެލެނިވެރިން އަތުން ނަގަމުން އައީ ދެބައިކުޅައެއްބައިކަން ފާހަގަކޮށްފައިވެއެވެ.
އަމީރު އަމީން ސުކޫލުގެ ފޭސްބުކް ޕޭޖުގައިވާ މިދެންނެވުމަށް ބެލެނިވެރިން އަންނަނީ ހިތްހަމަ ނުޖެހި ކޮމެންޓް ކުރަމުންނެވެ.
އާމިރު އަމީން ސުކޫލަކީ ކުޅުދުއްފުށި ސިޓީގައި ހުރި އެންމެ ދުވަސްވީ ސުކޫލެވެ. އެ ސުކޫލު ހިންގަމުން އަންނަތާ މިއަހަރަށް މިވީ 67 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!