ކްރިމިނަލް ކޯޓްގެ ޤާޟީ ޙަސަން ނަޖީބުގެ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކޮށްފައިވާތީ އޭނާ ގާޟީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޤާޟީ ޙަސަން ނަޖީބުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ އަމިއްލަ ފަރާތަކުންހުށައެޅި މައްސަލަ ނިންމާ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ޤާޟީ ޙަސަން ނަޖީބާ ގުޅޭ ގޮތުން ހުށައެޅި މައްސަލަ ބެލިބެލުމުން ޤާޟީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމާއި ގާނޫނާ ހިލާފަށް އަމުރު ނެރެފައިވާކަން ކޮމިޝަނަށް ސާބިތުވާކަމަށެވެ.
އެގޮތުން އޭނާ ވަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ.ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި އެ ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ޤާޟީ ޙަސަން ނަޖީބު ބައިވެރިވިކަމާއި، އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން ނަޖީބު ބައިވެރިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ބައްދަލުވުމެއް ބާއްވައި ޤާޟީ ޙަސަން ނަޖީބު ވާހަކަ ދައްކާފައިވާކަން އެ ކޮމިޝަނުން ބެލި ބެލުމުން އެންގެން އޮތްކަމަށްވެސް ޖުޑީޝަލް ސާރަވިސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.
ޤާޟީ ޙަސަން ނަޖީބުގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި 10 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9 ، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމިއެވެ.
ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
މެޖިސްޓްރޭޓް ކޯޓްގައި ތަޙްޤީޤީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާޢީ ޢަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ޤާނޫނީ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް ޤާޟީ ޙަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވުމަކީވެސް އޭނާ ވަކިކުރަން ހުށައަޅަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!