އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި ށ. ނަރުދޫ އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފިއެވެ.

އާންމު ހާލަތަށް ބަދަލުވުމުން އެ ބޯޓުގެ ދަތުރުތައް މާލެއަށް ފަށާފައިފަނީ އިއްޔެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު "ތިލަދުން" އަށް ބުނީ އަމާޒު ބޯޓުގެ ދަތުރުތައް އަލުންފެށީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދު ހޯދުމަށް ފަހުގައި ކަމަށެވެ.

Ad
rt

އަމާޒު ބޯޓުގެ ކެޕްޓަން ކޯޑަށް ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. އެ ބޯޓު މާލެއިން ފުރީ މާލެ ފުރަ ބަންދު ކުރި ދުވަސް ކަމަށްވާ 15 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

ކެޕްޓަން ހިމެނޭހެން ނަރުދޫން އެ ބައްޔަށް ޕޮޒިޓިވްވި 11 މީހުން މުޅިން ބަލިން ރަނގަޅުވެ ރަށަށް ބަދަލުކުރީ ހުސްވި މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

ކެޕްޓަން ކޯވިޑަށް ޕޮޒިޓިވްވި ދަތުރުގައި އަމާޒު ބޯޓުންވަނީ އުތުރުގެ 13 ރަށަކަށް ނިސްބަތްވާ 98 މީހަކު ދަތުރުކޮށްފައެވެ. އެކަމާއި ގުޅިގެން އެޗްޕީއޭއިން އެރަށްތައް މޮނިޓަރިންގއަށްލައި، ގުޅުންހުރި މީހުން ވަނީ ވަނީ ކޯވިޑަށް ޓެސްޓްކޮށްފައެވެ. އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން އިތުރު ރަށަކުން މީހަކު ޕޮޒިޓިވްވެފައި ވަނީ ށ. މިލަންދޫން އެކަންޏެވެ. އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ 28 އޭޕްރިލް 2020 ގައެވެ.

25 އޭޕްރިލް 2020 ވަނަ ދުވަހު އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި އޮތް އޮތުން 34 ދުވަސް ފަހުން ވަނީ 29 މެއި 2020 ވަނަ ދުވަހުގެ ރޭ 23:35 ގައި ނިމުމަކަށް ގެނެސްފައެވެ.