ރައްޔިތުންގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ދިރިއުޅުއްވާ ގެ މޮނީޓަރިންގ އަށް ލާފައި ވާތީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަނެވުނު ކަމަށް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މަޖިލީހުގެ ހާޒިރީ އިއްވަވާ ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ފެށިއިރު، 47 މެންބަރުން ޖަލްސާއަށް ހާޒިރު ވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭތަކުގައި 5 މެންބަރުން އެބަތިއްބެވި ކަމަށާއި އެ 5 މެންބަރުންނަށް ޖަލްސާއަށް ވަޑާއިނުގެންނެވޭ ކަމަށެވެ. އަދި ތިން މެންބަރަކު ސަލާމުގައިވާ ކަމަށެވެ.

Ad
rt

ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތުގައިވާ ގޭގައި ތިއްބެވި 5 މެންބަރުންގެ ނަންފުޅުތަކެއް މަޖިލީހުގެ ރައީސް ވިދާޅުވެފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިމެންބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް ހިމެނެއެވެ.

އަޅުގަނޑު ދިރިއުޅޭ އިމާރާތް މޮނިޓަރިންގެ ހާލަތުގައި ހުރުމުން މިއަދުގެ ޖަލްސާގައި ބައިވެރިނުވަން

މިއަދު ކުރެއްވި ޓުވީޓެއްގައި ޝިފާއު ބުނެފައިވެއެވެ.

މިއަދުގެ ޖަލްސާއަށް މެމްބަރުން ތަޅުމަށް ވަޑައިގަތީ މާސްކަ އަޅުއްވައިގެންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މެމްބަރުން އެތުރިގެން ތިއްބެވީ ދުރު ދުރުގަ އެވެ. އިތުރަށް ތަޅުމުގައި ގޮނޑިޖަހާފައިވާއިރު، އިތުރަށް ޖަހާފައިވާ ގޮނޑިތަކުގައި ތިއްބެވި މެމްބަރުން މޭޒުކޮޅު ކައިރިއަށް ދެވޭނީ 30 މިނިޓް ފަހުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.

މިއަދުގެ ޖަލްސާ މަޖިލީހުގެ އިދާރާގައި ބޭއްވިއިރު، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރުން ކުރިއަށް ދިއައެވެ.