ހއ. އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދުފަހަރުން، ކަސްޓަމްސް އިން ނަގާ ފީތަކަށާއި އަމަލުކުރާ އުސޫލުތަކަށް ލުއިތަކެއް ދީފި އެވެ.

ކަަސްޓަމްސް އިން މި މަހުގެ 23 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ކަސްޓަމްސްގެ ގަވާއިދަށް ގެނެވުނު އިސްލާހުގައި ވަނީ، އުލިގަމުގައި ބަނދަރުކުރާ ޔޮޓްފަހަރާއި ގުޅުންހުރި އިސްލާހެއް ވެސް ހިމަނާފަ އެވެ.

Ad
rt

އެގޮތުން، އެ އިސްލާހްގައި ވަނީ، ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަ ކުރުމަށް ހިމަނާފަ އެވެ. އަދި ޕްރޮވިޝަންގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި 7 ދުވަސްވަންދެން ބަނދަރުގައި އޮވެވުމާއި، އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މިފަދަ އުޅަނދުތަކަށް އޭޖެންޓުން އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތުތަކެއް ވެސް ދިނުމަށް ވަނީ ހިމަނާފަ އެވެ.

މި ބަދަލާއެކު މިފަދަ އުޅަނދުފަހަރުން ކަސްޓަމްސް އިން ނަގާ ފީތައް 75 އިންސައްތަ ވަނީ ދަށް ކުރެވިފަ އެވެ. ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮޅަކަށް 250 ރުފިޔާ އެވެ. މީގެ ކުރިން ނަގަނީ 1000 ރުފިޔާ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭވަގުތުން ފެށިގެން އޭޖަންޓަކު ހަމަޖެއްސުމަށް 72 ގަޑިއިރުގެ މުހުލަތެއް ދިނުމަށް އިސްލާހުގައިވެ އެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އޭޖަންޓަކު ހަމަނުޖައްސައިފިނަމަ، މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އުޅަނދުގެ ވެރިފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މި ފައިސާ، ކަސްޓަމްސް އަށް ދެއްކުމަށް ފަހުގަ އެވެ.

ރާއްޖެ އަންނަ، 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރު، ރާއްޖެ އައުމުގެ 12 ގަޑިއިރު ކުރިން، އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅޭ ހާލަތުގައި، އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅުނު ސަބަބު ބަޔާންކޮށް، ހުށަހަޅާ ލިޔުމާއެކު، ކްލިއަރެންސް ހޯދުމަށް އެދި މިހާރު ހުށަހެޅިދާނެ އެވެ. އުޅަނދުގެ އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް އަށް އަންނަ ބަދަލުތައް، ކަސްޓަމްސް އިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް، ކަސްޓަމްސް އަށް އަންގަންޖެހެ އެވެ.

އުލިގަމަކީ، ވަރަށް ގިނަ ޔޮޓްފަހަރު ބަނދަރުކުރަމުން އައި ރަށެކެވެ. އެހެން ނަމަވެސް އެތަނުގައި ބަނދަރު ކުރަމުން އައި ޔޮޓްފަހަރުން ނަގަމުން އައި ފީ ބޮޑުކުރުމާއި ގުޅިގެން އެ ރަށަށް ބަނދަރުކުރާ ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. މި ކަމަށް ހައްލެއް ގެނައުމަށް މި އަހަރު ކުރީކޮޅު ކަސްޓަމްސް އާއި އުލިގަމު ޔޮޓް ފަހަރާއި ގުޅުންހުރި ދާއިރާގެ ބޭފުޅުންނާއެކު، ވަނީ މަހާސިންތާއެއް ވެސް ބާއްވާފަ އެވެ.