އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ނުފޫޒުގަދަ އަދި އަރިސް އެއް މަދަދުގާރު ކަމަށްވާ ބިލިއަނަރު ޕީޓާ ތީލް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެއްޖެއެވެ.
ޓެކްނޮލޮޖީ އިންވެސްޓަރު އަދި ޕޭޕަލްގެ ކޯ-ފައުންޑަރު ތީލް މި ހަނގުރާމައާ މެދު ސުވާލު އުފައްދަވާފައިވަނީ ޓެނެސީގެ ނެޝްވިލްގައި މިދިޔަ އޮކްޓޫބަރު 12 ގައި ބޭއްވި ޕްރައިވެޓް ލެކްޗަރެއްގައެވެ.
ޚަބަރު ފަތުރާ މަޖައްލާއެއް ކަމަށްވާ "ޕޮލިޓިކޯ" އިން ހޯދި މި އޯޑިއޯގައި ތީލް ވިދާޅުވީ، އެމެރިކާއިން މި ހަނގުރާމަ ފަށައިގެން ނުވާނެ ކަމަށާއި، މި ކަމުގައި ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހުގައި އެމެރިކާއަށް އޮތް ބާރު ދަށްވަމުންދާ ކަމުގެ އިންޒާރު ދެއްވަމުން، އެމެރިކާގެ އަސްކަރީ ނުވަތަ 'ހާޑް ޕަވާ' ދަށްވެ، ސިޔާސީ އަދި ސަގާފީ ނުފޫޒު ނުވަތަ 'ސޮފްޓް ޕަވާ' ހަނގުރާމައިން އެމެރިކާ ބަލިވަމުންދަނީ ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފާޑުކިޔުންތަކާ އެކުވެސް، ޓްރަމްޕަށް އޮތް ތާއީދު އެއްކޮށް އަދި ދޫކޮށްނުލައްވާ ކަމަށް 59 އަހަރުގެ ތީލް ވަނީ ފަހުން ވިދާޅުވެފަވެއެވެ.
ތީލް އަކީ 2016 ވަނަ އަހަރު ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ދުވަސްވަރުން ފެށިގެން ޓެކް ދާއިރާއިން އޭނާއަށް އެންމެ ބޮޑަށް ވާގިވެރިވި އެއް ފަރާތެވެ. އަދި ނައިބު ރައީސް ޖޭޑީ ވެންސް ސިޔާސީ މައިދާނަށް ނެރުމުގައި ވެސް ތީލްގެ ދައުރު ބޮޑެވެ. ވެންސް އަކީ ތީލްގެ ވެންޗާ ކެޕިޓަލް ފާމުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާއިރު، 2021 ވަނަ އަހަރު މާ-އަ-ލާގޯގައި ޓްރަމްޕަށް ވެންސް ތައާރަފްކޮށްދެއްވައި، 2022 ގެ ސެނެޓް ކެމްޕޭނަށް ބޮޑެތި މާލީ އެހީތަކެއް ދެއްވީ ވެސް ތީލް އެވެ. ނަމަވެސް، ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކާ މެދު ތީލް މިހާރު މިވަނީ ސީދާ ދެކޮޅު ހައްދަވާފައެވެ.
ޓްރަމްޕްގެ އެންމެ ނުފޫޒުގަދަ އަދި އަރިސް އެއް މަދަދުގާރު ކަމަށްވާ ބިލިއަނަރު ޕީޓާ ތީލް އާއި ޓްރަމްޕް
މި އޯޑިއޯ ލީކުވެފައި މިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް އެންމެ ދެ ހަފުތާއަށް ވެފައި ވަނިކޮށެވެ. އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ''އޭއޭއޭ'' ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕެޓްރޯލް ގެލަނެއްގެ އަގު ވަނީ 4.27 ޑޮލަރަށް އަދި ޑީސަލް ގެލަނެއްގެ އަގު 6.31 ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓު ވަނީ އަންދާޒާ ކުރި ވަރަށް ވުރެ މައްޗަށް ގޮސްފައެވެ. ސީއެންއެން އަދި އެސްއެސްއާރްއެސް އިން ހެދި ޕޯލަކުން ދައްކާ ގޮތުގައި، ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކަށް ތާއީދުކުރަނީ އެމެރިކާގެ އެންމެ 27 އިންސައްތަ މީހުންނެވެ. އަދި ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
އިގްތިސާދީ ދަތިކަމާއި އިންފްލޭޝަނާ ގުޅިގެން ރިޕަބްލިކަން ޕާޓީއަށް އިންތިޚާބުގައި ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ބެލެވިފައިވާއިރު، ޓްރަމްޕްގެ އަމިއްލަ އަރިސް ބޭފުޅުންގެ މެދުގައި ވެސް ވަނީ މި ހަނގުރާމައާ މެދު ކަންބޮޑުވުން އުފެދިފައެވެ. 'ދަ އެޓްލާންޓިކް' މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ދޮށީ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ވެސް ގެންދަވަނީ ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައާ މެދު ސިއްރިއްޔާތުގައި ދެކޮޅުހައްދަވައި، އޭނާގެ ބައްޕައަށް އެކަން އަންގަވަމުންނެވެ. މީގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް ވެސް ހަނގުރާމަ ފެށުމުގެ ކުރިން އީރާނަށް އަސްކަރީ ހަމަލާތައް ދިނުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ޕޮލިޓިކޯ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން "މޭކް އެމެރިކާ ގްރޭޓް އެގެއިން" (މަގާ) ހަރަކާތުގެ އިސް ސަފުގައި ހިމެނޭ މާޖަރީ ޓޭލާ ގްރީން އަދި ޓަކާ ކާލްސަން ފަދަ ފަރާތްތަކުން ވެސް ވަނީ ހަނގުރާމައާ ދެކޮޅަށް ފާޅުގައި ވާހަކަދައްކަވާފައެވެ. ގްރީން އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި ހުޅުވުމަށް ކަމަށް ބުނެ އީރާނާ ދެކޮޅަށް ބޭކާރު ހަނގުރާމައެއް ނުކުރި ނަމަ އެމެރިކާ ސިފައިން މަރުވާކަށް ނުޖެހުނީހެވެ. އަދި 2019 ވަނަ އަހަރު ތެލުގެ އަގާއި އިންފްލޭޝަން ދަށުގައި ހުރި މިންވަރަށް ކަންކަން ރުޖޫއަކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މި މައްސަލައާ ގުޅިގެން ވައިޓް ހައުސް އާއި ތީލްގެ ތަރުޖަމާނުންގެ ބަހެއް ހޯދުމަށް 'ދަ ޑެއިލީ ބީސްޓް' އިން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!