ކަރަންޓު އުފައްދާ ޖެނެރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވުމާ ގުޅިގެން، ޣައްޒާގެ ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު އިންޒާރު ދީފިއެވެ.
ޖެނެރޭޓަރުތައް ހުއްޓިއްޖެ ނަމަ، ފުރާނަ ސަލާމަތްކުރުމަށް ދެމުން އަންނަ މުހިންމު ސިއްހީ ހިދުމަތްތައް މެދުކެނޑިދާނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލްތަކުގައި މިހާރު ހުރި ޖެނެރޭޓަރުތައް ހިންގަމުން ދަނީ "އިންޖިނިއަރިން އަދި ފަންނީ ގޮތުން ނާޒުކު ހާލަތެއްގައި" ކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް މެކޭނިކަލް މައްސަލައެއް ދިމާވެ، އެ ތަކެތި ހަލާކުވެ ހުއްޓިދާނެ ކަމުގެ ބިރު އިންތިހާއަށް އެބައޮތް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ވުޒާރާއިން އިންޒާރު ދިން ގޮތުގައި، ޖެނެރޭޓަރުތައް ހުއްޓިއްޖެ ނަމަ، ފުރާނަ ސަލާމަތްކުރުމުގެ ފަރުވާ ދެމުން އަންނަ މުހިންމު ގިނަ ޑިޕާޓްމަންޓްތަކަކާއި ޔުނިޓްތަކަކަށް ކަރަންޓު ފޯރުކޮށްދިނުން ހުއްޓުމަކަށް އަންނާނެއެވެ. ޖެނެރޭޓަރުތައް ހިންގުމަށްޓަކައި ހޮސްޕިޓަލްތަކަށް މަހެއްގެ މައްޗަށް 2،500 ލީޓަރަށް ވުރެ ގިނަ ތެޔޮ ބޭނުންވާ ކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ، މަދު މިންވަރަކަށް ތެޔޮ ފޯރުކޮށްދީގެން އަޅާ ކުއްލި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ގިނަ ދުވަހަށް ޖެނެރޭޓަރުތައް ނުހިންގޭނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ތަކުރާރުކޮށް ދީފައިވާނެ ކަމަށެވެ. އެއީ ޖެނެރޭޓަރުތައް މެދުކެނޑުމެއްނެތި ގިނަ ވަގުތުތަކެއް ވަންދެން ހިންގަން ޖެހުމާއި، ކުއްލި މަރާމާތުތަކަށް އެ ތަކެތި ބޭނުންވެފައިވާތީ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
އެހެންކަމުން، ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެ ފަރާތްތަކުގެ "އިންސާނީ ޒިންމާ އަދާކޮށް"، ޖެނެރޭޓަރުތައް ހުއްޓުމެއްނެތި ހިންގުމަށް ބޭނުންވާ ތެލާއި ސްޕެއާ ޕާޓްސް ޣައްޒާއަށް އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވަގުތުން ފިޔަވަޅު އަޅައިދިނުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ގޮވާލާފައެވެ.
ޣައްޒާގެ ސިއްހީ ނިޒާމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި މިވަނީ، އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާއިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. އަދި އޮކްޓޫބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުން ވަނީ 74،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރާލައި، 175،000 މީހުން ޒަހަމްކޮށް، އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ސުންނާފަތިކޮށް ނުވަތަ ގެއްލުން ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!