ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަރަށް ހޫނު އަދި ރަސްމީ މަރުޙަބާއެއް ދަންނަވައިފިއެވެ.

މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ސަލާމްކުރައްވައި ކުރު މުލާޤާތެއް ކުރައްވާފައެވެ. އަދި ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުން ކުރިއަށްދިޔައެވެ. އެއަށްފަހު، ރައީސްގެ ޝަރަފުގައި ޕާކިސްތާނުގެ ޢަސްކަރިއްޔާގެ ތިން ބާރު އެކުލެވޭ ލަޝްކަރަކުން ވަނީ ސަލާމް އަރުވައި، ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. ސަލާމް ބަލައިގަންނަ މަންސައިގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ހުންނެވުމަށްފަހު، އެމަނިކުފާނުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރ ރައީސް މުޢިއްޒު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒާއި ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވަނީ ޕާކިސްތާނު ސަރުކާރުގެ ކެބިނެޓް މެންބަރުންނާއި ބޮޑުވަޒީރުގެ ގެކޮޅުގެ އިސް ވެރިން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރަފުކޮށްދެއްވާފައެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުންވެސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢާރަފުކޮށް އަރުވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ގޯތިތެރޭގައި ބޭއްވި ގަސް އިންދުމުގެ ޙަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެން ގަހެއް އިންދަވައިދެއްވިއެވެ. އަދި މި މުނާސަބަތުގައި ދެ ޤައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް އެދި ކުރެވުނު ޚާއްޞަ ދުޢާގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.