ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅުނު ތިންވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަނިގޮތަކުން މިއަދު ބަލިވެއްޖެއެވެ.

މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީ އަށް ކާމިޔާބު ކުރެވުނީ 1-0 ގެ ތަފާތަކުންނެވެ. މިއީ ލީގުގައި ދިއްދޫ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ.

Ad
rt

މީގުގައި ދިއްދޫ މީގެ ކުރިން ރަށުގައި ކުޅުނު ދެ މެޗުވެސް ނިމުނީ ބަދުނަސީބުގޮތަކަށް އެއްވަރުވެގެންނެވެ. މިގޮތުން އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗު ނިމުނީ މި ނަތީޖާއިން 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ނިއުއަށް ނަތީޖާ ހަމަހަމަކުރެވުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓު ނިމި، އިތުރަށް ކުޅުނު 11 ވަނަ މިނިޓުގައެވެ.

ދިއްދޫ ހޯމްގައި ދެވަނަ މެޗު ކުޅުނީ އޮކްޓޯބަރު 16 ގައި ކްލަބް އީގަލްސް އާއި ދެކޮޅަށެވެ. މި މެޗުވެސް 2-1 އިން ދިއްދޫ ކުރީގައި އޮވެގެން ނިމެންދަނިކޮށް އީގަލްސް އިން ވަނީ މެޗުގެ ފަހު މިނިޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މިއަދުގެ މުޅި މެޗުގައި ވެސް ދިއްދޫ ވަނީ ޓީސީ ހާސްކޮށްލައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ދިއްދޫގެ ހުނަރުވެރި ފޯވާޑުން ފޮނުވާލި އެއްވެސް ބޯޅައެއް ގޯލްގެ ތެރެއަށް ވަންނަގޮތެއްނިވިއެވެ. މި މެޗުގައި ދިއްދޫ އުފެއްދި ހަމަލާތަކަށް ބަލާއިރު، ދިއްދޫގެ ގާނާ ފޯވާޑް ގިޑިއެން ޓެޓޭ އާއި މުހައްމަދު ޝަނާއު ނަސީރު ގޯލަށް އަމާޒުކުރި ހަމަލާތައް ފާހަގަކޮށްލެވެއެވެ.

މެޗުގައި ޓީސީގެ ލަނޑު ފެނުނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި އެ ޓީމު ބްރެޒިލް މިޑްފީލްޑަރު، ޖޯސޭ މެގްސަންގެ ފަރާތުންނެވެ.

ދިއްދޫ މިއަދު ޓީސީ އާއި ދެކޮޅަށް ކުޅެފައި ވަނީ އެ ޓީމު ލީގުގައި ކުޅުނު ހަވަނަ މެޗެވެ. ދިއްދޫގެ ހަތްވަނަ މެޗުގައި ދެން ނުކުންނާނީ ނޮވެމްބަރު 23 ގައި މާޒިޔާއާ ދެކޮޅަށެވެ. އަދި އަށްވަނަ މެޗުގައި ނޮވެމްބަރު 27 ގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެއެވެ. ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި އަމިއްލަ ދަނޑުގައި ކުޅޭނީ ގައްދޫއާ ދެކޮޅަށެވެ.

ދިވެހި ޕްރެމިއާ ލީގުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ދިއްދޫ ވަނީ ''އެފްއޭއެމް އެވޯޑްސް 2026'' ގައި ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރީޖަނަލް ދެވަނަ ކްލަބުގެ އެވޯޑް ހޯދާފައެވެ.