ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

މި ބަދަލާއެކު އެ ސިޓީގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ޚިދުމަތްތައް ދެން ކުރިއަށްދާނީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ.

Ad
rt

ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެއިތުރުން، ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާ ސްޓެލްކޯއިން އަންނަނީ ރަސްމީކޮށް ހަވާލުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫގެ ކަރަންޓު ޚިދުމަތާވެސް ހަވާލުވެފައެވެ.

ސަރުކާރުން ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް މި ޚިދުމަތްތައް ބަދަލުކުރުމަށް ނިންމާފައިވަނީ، ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.