ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ކުރިއަށްގެންދާ "ހަށިހެޔޮ ޕްރޮގްރާމް 2026" ގެ ބައިވެރިންނަށް އަމާޒުކޮށްގެން، ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ނަންގަވައިދެއްވީ ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. މާލިކެވެ.
މި ސެޝަންގެ މައިގަނޑު މަގުސަދަކީ ބައިވެރިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އަޅާލުމުގެ އިތުރުން، ނަފްސާނީ އަދި އިހުސާސީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މާލިކު ވަނީ ބަރުދަން ލުއިކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުޅަހެޔޮ ވިސްނުމަކީ ކަންކަމުގައި ދެމިހުރުމުގެ ހިތްވަރު (މޯޓިވޭޝަން) ދެމެހެއްޓުމަށާއި، ދިރިއުޅުމުގެ ރަނގަޅު އާދަތައް އަށަގަންނުވައި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމުގެ ދަތުރު ކާމިޔާބުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޭއާރުއެޗުން ކުރިއަށްގެންދާ ހަވަނަ "ހަށިހެޔޮ ޕްރޮގްރާމް" ފެށީ ސެޕްޓެމްބަރު 28 ގައެވެ.
މި ބުރުގައި ޖުމްލަ 279 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ކޭއާރުއެޗުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އާންމުންގެ މެދުގައި ޤަވާއިދުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ބާރުއެޅުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!