މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވާ "އާރުވެރި" މެޗިންގް ގްރާންޓާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރު 20 ވާ ދުވަހުގެ ރޭގަނޑު ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި މަޢުލޫމާތު ސެޝަނަކީ މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސެޝަނެކެވެ. މި ސެޝަން އޮންނާނީ އެ ރޭ 08:30 އިން 10:00 އަށް އެން: އޯ: ސީ ގެ ފުނަވަލު މާލަމުގައެވެ.
މި ސެޝަން ނަންގަވައިދެއްވުމަށް ހަމަޖެހިފައިވަނީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ މިފްޒާލް މުޙައްމަދާއި، ބަޔޯސެކިއުރިޓީ ސްޕެޝަލިސްޓް މުޙައްމަދު ނަޝްވާން އިސްމާޢީލް ހިމެނެއެވެ.
"އާރުވެރި" މެޗިންގް ގްރާންޓް ސްކީމަކީ މަސްވެރިކަމާއި ކަމާބެހޭ ސިނާއަތްތައް ތަރައްޤީކުރުމަށްޓަކައި ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ސްކީމެކެވެ. ޖުމްލަ 278 މިލިއަން ރުފިޔާގެ މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
މި ގްރާންޓުގެ ދަށުން މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކާ ގުޅުންހުރި މައިގަނޑު 7 ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އެހީގެ ބޭނުމަކީ އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަރުވައި އިތުރަށް ތަރައްޤީކުރުމެވެ.
މި ސްކީމާ ގުޅޭ އެންމެހައި މަޢުލޫމާތާއި، ދާއިރާތަކުގެ ތަފްޞީލު ބައްލަވައިލެއްވުމަށާއި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޚާއްޞަ ވެބްސައިޓް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް މިކަމަށް އެދި ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!