ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ގަވާއިދާ ހިލާފަށް ވަންވޭއަށް ދުއްވި މައްސަލައެއްގައި ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީ ވެސް ސްރީލަންކާގެ ދެ ރައްޔިތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 02:14 އެހައިކަންހާއިރު ކަމަށެވެ. އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަށް ވަނީ ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް ފެނިގެން އެ އުޅަނދު ހުއްޓުވާފައެވެ.

ފުލުހުން އެ ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަން ވަނީ އެނގިފައެވެ. އެހެންކަމުން ގަވާއިދާ އެއްގޮތަށް އެ ސައިކަލު ވަނީ ފުލުހުންގެ ޓޯ ޔާޑަށް ގެންގޮސްފައެވެ.

ޓޯ ޔާޑަށް ގެންދިއުމަށްފަހު ސައިކަލު އިތުރަށް ޗެކްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި އޭގެ އިންޖީނު ނަންބަރު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ބެލުމުން، އެއީ މީގެކުރިން ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރު ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.