ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކްޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކުރައްވައިފިއެވެ.

މި ޑިރެކްޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކްޓަރީއެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ މި ޑިރެކްޓަރީގެ ވެބްސައިޓުގެ އެޑްރެހަކީ directory.presidency.gov.mv އެވެ.

Ad
rt

މި ޑިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، އޭގައި ހިމެނޭ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން، އެ މުއައްސަސާއެއްގެ އިސް ވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، މުއައްސަސާގެ އެޑްރެހާއި، މުވާސަލާތުކުރެވޭނެ ގޮތްތައް ނުވަތަ މުއައްސަސާގެ މީސްވިއުގަ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މިފަދަ ބަދަލުތައް ހުށަހަޅަންޖެހެނީ ޑިރެކްޓަރީގެ ވެބްސައިޓުގައި މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ބޭނުންކުރުމާ ގުޅޭގޮތުން ވެސް ޚާއްސަ އުސޫލެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި މަތުބޫއާތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ މި ޑިރެކްޓަރީގައިވާ ގޮތަށް ކަމުގައި ވަނީ ހަމަޖައްސަވާފައެވެ.

ހަމައެއާއެކު، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތަކުގެ އިތުރުން ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ވެސް މުއައްސަސާތަކުގެ ނަންތައް ދެ ބަހުން ލިޔެ ބޭނުންކުރަންވާނީ މި ޑިރެކްޓަރީގައިވާ ގޮތުގެ މަތިން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.