ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށާއި، އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރާ ދާއިމީ 3 މިސްކިތެއް ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ހާމަކުރައްވާފައި ވާއިރު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު ބިނާކުރެވެމުންދާ ފަސް މިސްކިތަކާއި ދެ އިމާރާތެއްގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތުތައް ވެސް ހާމަކޮށްފައެވެ.
އެ ވުޒާރާއިން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، ހއ. ތުރާކުނުގައި ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ރެކްޓިފިކޭޝަން މަސައްކަތްތައް ކަމަށާއި، މިސްކިތް އެއްކޮށް ނިންމުމަށް އަމާޒުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ގއ. ވިލިނގިލީގައި ބިނާކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދާއިރު، އެ މަސައްކަތް 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމައެއާއެކު، އައްޑޫ ސިޓީ މީދޫގައި ބިނާކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ މިސްކިތުގައި ވެސް މިހާރު ކުރިއަށްދަނީ ފިނިޝިންގ މަރުހަލާގެ މަސައްކަތްތަކެވެ. މީގެ އިތުރުން، އއ. ހިމަންދޫގައި އަޅަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު، އެ މިސްކިތުގައި ވެސް މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ.
މިސްކިތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އދ. ދިގުރަށުގައި ބިނާކުރި 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް އެ މިސްކިތުގެ މުންނާރުގެ މަސައްކަތް ކުރުމަށްޓަކައި ދެން އަންނަ ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކޮށް ކޮންޓްރެކްޓް ކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން ދ. ރިނބުދޫގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ރޫފް ސްލެބް އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި ގއ. ވިލިނގިލީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، އެ އިމާރާތުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބިން ކޮނުމުގެ މަރުހަލާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!