ހއ. ބާރަށުގައި ސިއްޙީ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށްޓާއި ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާއިމުކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" ގެ ޢަމަލީ މަސައްކަތްތައް މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ބުނީ މި މަޝްރޫޢަކީ ސިއްޙީ ފަރުވާދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކެމިކަލްތަކާއި އެހެނިހެން ކުނި، ތިމާވެށްޓަށް ގެއްލުން ނުވާނޭހެން ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ މުހިންމު ފެސިލިޓީއެއް ކަމަށެވެ.

Ad
rt

މި މަރުކަޒު ޤާއިމުކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުންނެވެ.

އަލަށް ޤާއިމުކުރެވުނު މި ފެސިލިޓީގައި ޒަމާނީ ވަސީލަތްތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން، ސިއްޙީ ކުނި ރައްކާތެރިކަމާއެކު ސްޓެރިލައިޒްކޮށް ނުވަތަ ޖަރާސީމު ނައްތާލައި، އޭގައި ހިމެނޭ ވިހަ އަދި ނުރައްކާތެރި މާއްދާތައް ވެށްޓަށް ބޭރުވިޔަނުދީ ނައްތާލުމަށް ބޭނުންވާ ޒަމާނީ އޮޓޯކްލޭވް މެޝިނާއި އެހެނިހެން އާލާތްތައް ވަނީ ބަހައްޓާފައެވެ.

މި ފެސިލިޓީއަކީ ސިއްޙީ ދާއިރާގައި އުފެދޭ ކުނި އަންދާލުމުގެ ބަދަލުގައި، ރައްކާތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ސިއްޙީ ކުނި ނައްތާލުމުގައި ތިމާވެށްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

މި މަޝްރޫޢަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ.

މި ފެސިލިޓީގެ އޮޕަރޭޝަންތައް މި މަހު ފެށުމާއެކު، ބާރަށުގެ އިތުރުން އެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކުނި ވެސް އެންމެ އެދެވޭ އަދި ރައްކާތެރި މިންގަނޑުތަކުގެ ތެރެއިން ނައްތާލެވިގެންދާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.