ސައޫދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންގެ ތެލުގެ މަރުކަޒަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

މިއާއެކު، ސައޫދީއަށް އަމާޒުކޮށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޫޘީން ބޮޑެތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ސައޫދީން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ.

Ad
rt

މި ހަމަލާ އަމާޒުކޮށްފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާ ކައިރީގައި ހުންނަ ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީގެ އަލް-ސަބާހާ ސެންޓްރަލް ފިއުލް ސްޓޭޝަނަށެވެ. އަސްކަރީ ހަމަލާތައް ދިނުމުގެ ކުރިން، އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުންނާއި މުވައްޒަފުން އެ ތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކޯލިޝަނުން ވަނީ އަންގާފައެވެ.

ކޯލިޝަނުން ދިން މި ހަމަލާތަކާ ގުޅިގެން އެ ތެޔޮ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހޫޘީންގެ ކޮންޓްރޯލް އޮންނަ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މިއީ ސައޫދީ އިއްތިހާދާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިޔަ ކަމެކެވެ.

ސައޫދީ އިސްވެ އޮންނަ އިއްތިހާދުން މި ފިޔަވަޅު އަޅާފައިވަނީ ސައޫދީގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީން ދޭ ޑްރޯން އަދި މިސައިލް ހަމަލާތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ވެރިރަށް ރިޔާޟް ކައިރިން ތަކުރާރުކޮށް ޑްރޯންތައް ހުއްޓުވުމާއި، ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތައް ހިމެނެއެވެ.

ކޯލިޝަނުގެ އޮފިޝަލުން ވަނީ ހޫޘީންގެ އަމަލުތަކާ ގުޅޭގޮތުން ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އެގޮތުން ސައޫދީގެ ސަރަހައްދުތަކަށާއި، އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ދުނިޔޭގެ ސަޕްލައި ލައިންތަކަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތައް ކުރިއަށްދާނަމަ، އަސްކަރީ ގޮތުން ދޭ ރައްދު އިތުރަށް ވަރުގަދަކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ސަންއާގެ ތެޔޮ މަރުކަޒަށް ދިން ހަމަލާތަކަށްފަހު، ހޫޘީ ހަނގުރާމަވެރިން ވަނީ ބަދަލުހިފުމުގެ ގޮތުން ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. މިގޮތުން ދައްމާމުގައި ހުރި ވަސީލަތްތަކާއި ރިޔާޟް ރިފައިނަރީ ހިމެނޭ ގޮތަށް، ސައޫދީ އަރާމްކޯގެ ތެލުގެ ވަސީލަތްތަކާއި ވައިގެ ބަނދަރުތަކާ ދުރުގައި ތިބުމަށް އެ ތަންތަނުގެ މުވައްޒަފުންނަށް ހޫޘީން ވަނީ އަންގާފައެވެ.