ލީބިޔާގެ ރައްޔިތުން މި އަހަރު ކުރާ ޙައްޖު ދަތުރުގެ އެންމެހައި ޚަރަދުތައް އެ ޤައުމުގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރު (ޖީއެންޔޫ) އިން ހަމަޖައްސައިދޭނެކަން އިޢުލާނުކޮށްފިއެވެ.
މިކަން ކަށަވަރުކޮށްދެއްވީ ލީބިޔާގެ ޙައްޖާއި ޢުމްރާގެ ކަންކަމާ ބެހޭ ޢާންމު އިދާރާގެ ބޯޑް އޮފް ޑިރެކްޓަރުންގެ ނައިބު ރައީސް ޞަބްރީ އަލްބުޢައިޝީއެވެ.
ޞަބްރީ އަލްބުޢައިޝީ ވިދާޅުވި ގޮތުގައި މި އަހަރުގެ ޙައްޖު ދަތުރުގައި ކޮންމެ މީހަކަށް 8،000 އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. ސަރުކާރުން ދޭ މި އެހީގެ ތެރޭގައި ވައިގެ މަގުންނާއި އެއްގަމު މަގުން ކުރާ ދަތުރުފަތުރުގެ ޚަރަދާއި، މައްކާ އަދި މަދީނާގެ ދެ ޙަރަމްފުޅާ ކައިރީގައި ހުންނަ ފަސް ތަރީގެ ހޮޓާތަކުގައި ތިބުމުގެ ޚަރަދު ހިމެނެއެވެ. މީގެއިތުރުން ޓިކެޓާއި ވިސާ، ކާބޯތަކެތި އަދި ހަދިޔާތަކަށް ހިނގާ އެންމެހައި ފީތައްވެސް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖާޖީން އުފުލުމަށް ހަމަޖެހިފައިވާ ރަސްމީ އެއާލައިން ކަމަށްވާ އަލްއެފްރިޤިއްޔާ އެއާލައިންސްގެ ބޯޓުތަކުގައި ފްލައިޓްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ލީބިޔާގެ މިތީޤާ، ބެނީނާ، ސަބްހާ، މިސްރާތާ، ތޮބްރުކް އަދި ލަބްރަޤް އެއާޕޯޓުންނެވެ.
މި އަހަރުގެ ޙައްޖު މޫސުމުގައި ލީބިޔާއަށް ލިބިފައިވާ ޖުމްލަ 7،800 މީހުންގެ ކޯޓާގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާގެ އަސަރުކުރި ސަރަޙައްދުތަކުގެ ރައްޔިތުންނަށް 550 ޖާގަ ވަނީ ޚާއްޞަކޮށްފައެވެ. އަދި ޝަހީދުންނާއި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް 1،050 ޖާގަ ކަނޑައަޅާފައިވާ ކަމަށް އަލްބުޢައިޝީ ވިދާޅުވިއެވެ. އަދި 2025 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ލީބިޔާގެ ހުރިހާ ސަރަޙައްދަކުން ޙައްޖަށް ދާން އެދޭ މީހުންގެ މެދުގައި ޤުރުޢަތުލުން ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލީބިޔާގެ ބޮޑުވަޒީރު ޢަބްދުލްޙަމީދު ދްބައިބާ އިސްވެ ހުންނަވާ ސަރުކާރުން ވަނީ، ޙައްޖަށް ދިއުމަށް ހޮވޭ ރައްޔިތުންގެ ދަތުރުގެ ހުރިހާ އޮޕަރޭޝަނަލް އަދި ލޮޖިސްޓިކްސް ޚަރަދެއް އެއްކޮށް ސަބްސިޑައިޒްކޮށް ހަމަޖައްސައިދިނުމުގެ ސިޔާސަތެއް ތަންފީޛުކުރަން ފަށާފައެވެ. ބޮޑުވަޒީރުގެ އިރުޝާދުގެ ދަށުން، ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ދީނާރެއް ޙައްޖުގެ މުހިންމު ޚަރަދުތަކަށް ކަނޑައަޅާފައިވަނީ މާލީ ދަތިތަކުގެ ސަބަބުން ރައްޔިތުންނަށް މި މަތިވެރި އަޅުކަން އަދާކުރުމަށް ހުރަސްއެޅުނަ ނުދިނުމުގެ މަޤްޞަދުގައެވެ.
ޙައްޖަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ، އެކަން އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން މީހުން ހޮވަނީ މުޅި ޤައުމުގައި ބާއްވާ ރަސްމީ ޤުރުޢަތެއްގެ ޒަރީޢާއިންނެވެ. މި ނިޒާމުގެ ދަށުން ހޮވޭ މީހުންގެ ހުރިހާ ޚަރަދެއް ދައުލަތުން ހަމަޖައްސައިދިނުމުގެ މައިގަނޑު ބޭނުމަކީ، ޤައުމުގައި އޮތް އިޤްތިޞާދީ ދަތިކަމާއި އިންފްލޭޝަން އަދި ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކޮށް، ބޮޑު ޚަރަދަކާ ނުލައި ދީނީ ވާޖިބު އަދާކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!