ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ކްލިނިކަލް މުވައްޒަފުންނަށް ޚާއްޞަކޮށްގެން، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުވުމާއި ތަމްރީނު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ގެ ޑޮކްޓަރުންނާއި، ނަރުހުން އަދި ކްލިނިކަލް އެކި ޑިޕާޓްމަންޓްތަކުގެ ޞިއްޙީ ޚިދުމަތްތެރިންނަށެވެ.

Ad
rt

މި ތަމްރީނު ސެޝަން ނަންގަވައިދެއްވީ ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން 14 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުންނެވި، ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް އިން ސައިކިއޭޓްރީ، ޑރ. ޢާރިފެވެ.

މި ސެޝަނުގައި އަވަސް ނަފްސާނީ އެސެސްމަންޓް ހެދުމާއި، މެންޓަލް ސްޓޭޓަސް އެގްޒަމިނޭޝަން (އެމްއެސްއީ) ހަދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުމުގެ ނުރައްކާ ދެނެގަންނާނެ ގޮތްތަކާއި، ނަފްސާނީ އަދި ޞިއްޙީ އެކި ޙާލަތްތައް ދެނެގަންނާނެ މުހިންމު އުކުޅުތައް ވެސް ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ.

ހަމައެއާއެކު، ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމާއި، ނަފްސާނީ ކުއްލި ޙާލަތްތައް ފިނިކުރުމުގެ އުކުޅުތައް ނުވަތަ ޑީ-އެސްކަލޭޝަން ޓެކްނިކްސްތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތްތަކާ މުޢާމަލާތުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، ރައްކާތެރިކަމާއި ސިއްރު ހިފެހެއްޓުމާ ގުޅޭ މުހިންމު ބައިތައް ކިޔައިދިނުމުގެ އިތުރުން، އެފަދަ ފަރާތްތައް އެކަށީގެންވާ ގޮތުގައި އެހެން ޚިދުމަތްތަކަށް ރިފަރކުރުމާއި ފޮލޯއަޕް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ސެޝަނުގައި އަލިއަޅުވާލާފައިވެއެވެ.

މީގެއިތުރުން، ޑރ. ޢާރިފް ވަނީ ކުޅުދުއްފުށީ ސިޓީގެ ނޮލެޖް ސެންޓަރާއި، ކައުންސިލްގެ ސޯޝަލް ސަރވިސަސް ޔުނިޓުގެ މުވައްޒަފުންނާއި، ކޭއާރްއެޗްގެ ނޮން-ކްލިނިކަލް މުވައްޒަފުން އަދި އެ ސިޓީގެ ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުގެ މަންދޫބުންނަށް އަމާޒުކޮށްގެން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންދަވާފައެވެ. އެ ސެޝަނުގައި މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، މިކަމާ ގުޅިގެން މުޖުތަމަޢުގައި އޮންނަ ނުރަނގަޅު ތަޞައްވުރު ކުޑަކުރުމަށެވެ. އަދި ނަފްސާނީ މައްސަލަތަކުގެ ކުރީގެ ޢަލާމާތްތައް ދެނެގަތުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައާއި މުޖުތަމަޢުގެ ތެރޭގައި ހަމްދަރުދީއާއި އަޅާލުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް ފާހަގަކުރިއެވެ.

މި ހަރަކާތަކީ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި، ކުޅުދުއްފުށީގެ މުޖުތަމަޢުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ހޭލުންތެރި އަދި އެކަކު އަނެކަކަށް އަޅާލާ ގުޅިފައިވާ މާޙައުލެއް ބިނާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި ސެޝަނުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ޖަލާލުއްދީން ސްކޫލް، ޢަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސް، ދިވެހި ރެޑް ކްރެސެންޓުގެ ކުޅުދުއްފުށީ ޔުނިޓް، ގްރީން ސްޕޯޓްސް އެކެޑަމީ، ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަދި ކުޅުދުއްފުށީ ސިޓީ ޕޮލިސް ވަނީ ބައިވެރިވެފައެވެ.