ދުނިޔޭގެ އަންހެން ފުޓްބޯޅައިގެ އެއްވަނައިގައި އޮތް އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިނުން މެޗުގެ ފުރަތަމަ 14 މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާއެކު، 2-0 އިން ދުނިޔޭގެ އަންހެން ފުޓް ބޯޅައިގެ ދެވަނައިގައި އޮތް އެމެރިކާ ބަލިކޮށްފިއެވެ.

ވޮޝިންޓަންގެ އޯޑީ ފީލްޑުގައި ކުޅުނު މި އެކުވެރިކަމުގެ މެޗު ބެލުމަށް 19،220 ސަޕޯޓަރުން ވަދެ ދަނޑު ފުރާލާފައިވާއިރު، މިއީ ވޭތުވެދިޔަ ފަސް އަހަރާއި ބައިގެ ތެރޭގައި ކުޅުނު 96 މެޗުގެ ތެރެއިން އެމެރިކާ ކޮޅަށް އެއް ލަނޑަށް ވުރެ ގިނަ ލަނޑު ވަދެގެން ބަލިވި އެންމެ ތިންވަނަ ފަހަރެވެ.

Ad
rt

އަނިޔާގެ ސަބަބުން ތަރިން ކަމަށްވާ އައިޓާނާ ބޮންމާޓީ އަދި މަރިއޯނާ ކަލްޑެންޓީ ނުލައި ކުޅުނު ނަމަވެސް، ސްޕެއިންގެ ފަރާތުން ފެނުނީ ފުރިހަމަ އަދި ވަރުގަދަ ކުޅުމެކެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސްޕެއިނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިޑްފީލްޑުން ލައިއާ ކޮޑީނާ ކާމިޔާބުކުރި ބޯޅައިން އުފެއްދި ހަލުވި ހަމަލާއެއްގައި، ޕެނަލްޓީ އޭރިއާގެ ބޭރުން ޖާގަ ހޯދައި ޕެޓްރީ ގުއިހާރޯ ވަނީ ކަނާތު ފައިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފައެވެ.

އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ދެވަނަ ލަނޑު ޖަހައި އެމެރިކާ އިތުރަށް ހާސްކޮށްލައިފައެވެ. ސްޕެއިންގެ ކީޕަރު އަދްރިއާނާ ނަންކްލާރެސް މެދު ރޮނގާ ހަމައަށް ފޮނުވާލި ދިގު ބޯޅަ، ލޫސިއާ ކޮރާލެސް ބޮލުން ޖައްސާލީ އެޑްނާ އިމާޑޭ އަށެވެ. އަދި އިމާޑޭ މެދުވެރިކޮށް ވާތްފަރާތުން ސަލްމާ ޕަރަލުއެލޯ އަށް ލިބުމުން، އޭނާ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ނަގައިދިން ހުރަސް، މާކްނުކޮށް ހުރި އީވާ ނަވާރޯ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ކައިރީ ކަނަށް ވައްދާލައިފައެވެ.

ފުރަތަމަ ހާފުގައި އެމެރިކާގެ ފަހަތް ބަލިކަށިކޮށް ފެނުނު ނަމަވެސް، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެލީސާ ތޮމްޕްސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ސްޕެއިންގެ ކުޅުންތެރިން ދިފާއުކުރިއިރު، ސޯފިއާ ވިލްސަން ފޮނުވާލި ބާރު ހަމަލާ ކީޕަރު ނަންކްލާރެސްގެ އަތުގައި ޖެހިފައި އަމާޒުވީ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ޓްރިނިޓީ ރޮޑްމަން އަދި ލިލީ ޔޮހާނެސް އަށް ވެސް ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި އެމެރިކާއިން އިތުރަށް ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކުރިއެވެ. ދެވަނަ ހާފުގެ މެދުތެރެއިން އެމެރިކާގެ ކޯޗު އެމާ ހޭއިސް ވަނީ ދެ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅުނު އެޝްލީ ސަންޗޭޒް އާއި 2024 ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ފަހު ފުރަތަމަ މެޗު ކުޅުނު މެލޮރީ ސްވަންސަން ކުޅެން އަރުވާފައެވެ. ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ވިލްސަން އަށް ކުރި ފައުލަކަށް ވީޑިއޯ ރީޕްލޭ (ވީއޭއާރު) ބެލުމަށްފަހު އެމެރިކާއަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް އަމިއްލަ ވަޒަން ކައިރީގައި، އާއިލާ އާއި ރައްޓެހިންގެ 60 އަށް ވުރެ ގިނަ މީހުން ހާޒިރުވެ ތިބި މެޗުގައި އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލިލީ ޔޮހާނެސް ފޮނުވާލި ޕެނަލްޓީ ކީޕަރު ނަންކްލާރެސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅު، ބަދަލު ކުޅުންތެރިޔާ މިޝެލް ކޫޕާގެ އިސްތަށިގަނޑަށް ދެމުމުގެ ސަބަބުން ސްޕެއިންގެ އަތެނިއާ ޑެލް ކާސްޓިއޯ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

އެމެރިކާ ޓީމުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ހުރިއިރު، މައިގަނޑު ދެ ޑިފެންޑަރުން ކަމަށްވާ ނައޯމީ ގިރްމާ އަދި އެމިލީ ސޮނެޓް އަނިޔާގައި ތިބުމުން، ކޯޗު ހޭއިސް މި މެޗަށް ނެރުނު ފަހަތު ހަތަރު ކުޅުންތެރިންނަކީ މީގެ ކުރިން ދުވަހަކުވެސް އެކުގައި ކުޅެފައިވާ ބައެއް ނޫނެވެ. މެޗު ފެށުމުގެ ކުރިން، ގައުމީ ޓީމަށް 160 މެޗު ކުޅެދީ 25 ލަނޑު ޖަހައި، ވޯލްޑް ކަޕާއި އޮލިމްޕިކް ރަން މެޑަލް ހޯދުމަށްފަހު ކުޅުމުން ރިޓަޔާވި ކްރިސްޓަލް ޑަންގެ 12 އަހަރުގެ ބައިނަލްއަގުވާމީ ކެރިއަރު ފާހަގަކޮށް އޭނާއަށް ވަނީ ހާއްސަ ޝަރަފެއް އަރުވާފައެވެ. ކޯޗު ހޭއިސް ބުނީ، ޑަން އަކީ އެތައް ބަޔަކަށް ނަމޫނާއެއް ކަމަށާއި، ގައުމުގެ އެކި ކަންކޮޅުތަކުގައި ތިބި ކަޅު ނަސްލުގެ އަންހެން ކުދިންނަށް އިންސްޕިރޭޝަނެއްގެ ގޮތުގައި އޭނާ ފެނިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި މެޗުގައި އަލަށް ނެގި ތިން ކުޅުންތެރިން ކަމަށްވާ ޓްރިނިޓީ ބަޔާސް، ޖޯޑަން ސިލްކޮވިޓްޒް އަދި އެވެލިން ޝޯސް ޖާޒީ އަޅައިގެން ނުކުމެފައެއް ނުވެއެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ޕެންސިލްވޭނިއާގެ ޗެސްޓާގައި މި ދެ ޓީމު ދެވަނަ އެކުވެރިކަމުގެ މެޗެއްގައި އަނެއްކާވެސް ބައްދަލުކުރާނެއެވެ. އޭގެ ފަހުން އެމެރިކާ ތައްޔާރުވާނީ ޑެލަސް ސަރަހައްދުގައި އޮންނަ ކޮންކާކަފް ވޯލްޑް ކަޕް ކޮލިފައިންގައެވެ. ދުނިޔޭގެ ރޭންކިންގެ 78 ވަނައިގައި އޮތް އެލް ސަލްވަޑޯ ބަލިކޮށްލައިގެން އެމެރިކާއަށް ޖެހިޖެހިގެން 10 ވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކުރެވޭނެއެވެ.