ކަރެކްޝަނަލް އޮފިސަރުން ކުރާ ހުވައަކީ ހަމައެކަނި ދުލުން ކިޔައިލާ ލަފުޒުތަކެއް ނޫން ކަމަށާއި، އެއީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތަށް އަދި ޤާނޫނު ނެގެހެއްޓުމަށް ވެވޭ މަތިވެރި ވަޢުދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ދަސްވެނިވި އޮފިސަރުންނާ މުޚާތަބުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، އޮފިސަރުންގެ ޔުނީފޯމަކީ ޤައުމީ ވާޖިބާއި ޖިހާދުގެ މަތިވެރި އަހުދު ކަމަށެވެ. އަދި ޔުނީފޯމުގެ ބެޖުގައިވާ ދިވެހި ދިދައަކީ ދިވެހި ރައްޔިތުން އޮފިސަރުންނަށް ކޮށްފައިވާ އިތުބާރު ރަމްޒުކޮށްދޭ ނިޝާނެއް ކަމަށާއި، ކުރާ ހުވައަކީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތަށް، ޚިދުމަތަށް، އަދި ޤާނޫނު ނެގެހެއްޓުމަށާއި ދެމެހެއްޓުމަށް ވެވޭ މަތިވެރި ވަޢުދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޖަލުތަކުގައި ބަންދުކުރެވިފައި ތިބޭ ފަރާތްތަކަކީ އެހީތެރިކަމަށް ބޭނުންވެފައިވާ ބައެއްކަން ފާހަގަކުރައްވައި ސީޕީ ޒަރީރު ވިދާޅުވީ، އެ ފަރާތްތަކުގެ އިންސާނީ ކަރާމާތް ގެއްލުވައިނުލައި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ހިތްވަރުދީ، އަދި ގެއްލިފައިވާ އުންމީދުތައް އާލާކޮށްދޭނެ ބަޔަކީ އޮފިސަރުން ކަމަށެވެ.
ޤައިދީންނަށް ޚިދުމަތްކުރުމުގައްޔާއި ޤައުމީ ވާޖިބު އަދާކުރުމުގައި، ޤައުމު ދިފާޢުކުރުމަށްޓަކައި ޝަހީދުވެފައިވާ ޤައުމީ ބަޠަލުންގެ އަގުހުރި ޤުރުބާނީ ހަނދުމަކޮށް، އެކަމުގެ އަގުވަޒަންކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި އެ ބަޠަލުން ފަދައިން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ހިތްވަރާއެކު، ކުރި ހުވާގެ މަތީގައި ސާބިތުވެ ތިބެގެން ޤައުމީ ވާޖިބު އަދާކުރުމަށް އޮފިސަރުންނަށް ގޮވާލެއްވިއެވެ.
ކަރެކްޝަންސްގެ ވަޒީފާއަކީ ރަނގަޅު މުސާރައަކާއި ރަނގަޅު މުސްތަޤުބަލެއް އޮތް ވަޒީފާއެއްކަން ފާހަގަކުރައްވަމުން، މައިންބަފައިންނަށް ލޯތްބާއި އޯގާތެރިކަން އިސްކުރުމަށާއި، ދީން ދެމެހެއްޓުމުގެ އިތުރުން ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ޤައުމީ ވާޖިބު އަދާކުރުމުގައި އޮފިސަރުން ދެމިތިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!